މިދިޔަ ރޯމަ މަހު މާލޭ މަގުމަތިން ރޭގަނޑު ވަގުތެއްގައި ހިނގާފާ ދިޔަ އަންހެނަކު ކިޑްނެޕްކޮށް، ރޭޕް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރި ދެމީހުން ބަންދުން ދޫކޮށްލައިފިއެވެ.

އެ މައްސަލައިފައި ހައްޔަރުކޮށްފައި ވަނީ ވިނަރެސް، ހދ. ނޭކުރެންދޫ، އާދަމް ވިޝާން (18) އަދި މިލާފަރު، ހދ. ވައިކަރަދޫ، އަލީ ރަޝީދު (23) އެވެ. މި ދެމީހުންނަކީ ވެސް މާލޭގައި، އެއް ގެއެއްގައި އުޅެމުން އަންނަ ދެމީހުންނެވެ. އެ ދެމީހުންގެ މައްޗަށް ކުރަނީ މާރާމާރީ އާއި ކިޑްނެޕް އަދި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތެވެ.

އެކި ފަހަރު މަތިން ބަންދުގެ މުއްތަދު އެމީހުންނަށް ޖަހާފައިވާއިރު މި މަހުގެ 19 ވަނަ ދުވަހު ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ވަނީ އެމީހުން ދޫކޮށްލާފައެވެ.

އެ ދެމީހުން ދޫކޮށްލީ، ޝަރުތުކޮށް ދެމީހުން ބަންދުން ދޫކޮށްލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދުމުން ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

އަދި ޕީޖީން އެގޮތަށް އެދުމުން، ފުލުހުން ފޯމުގައި އެދިފައިވާ ސްޓޭންޑް ބަދަލުކޮށް، ޝަރުތުކޮށް ދެމީހުން ބަންދުން ދޫކޮށްލަން ވަނީ އެދިފަ އެވެ.

ހައްޔަރު ކުރި އަލީ ރަޝީދު ދޫކޮށްލީ އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން ޝަރުތުކޮށް ކަމަށް އޭނާ ދޫކޮށްލަން ކުރި އަމުރުގައި ބުނެއެވެ. އަދި އާދަމް ވިޝާން ދޫކޮށްލާފައިވަނީ އޭނާގެ މައްޗަށް ތަހުގީގު ފުރިހަމަކުރުމަށްފަހު، ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތްކުރުމަށް ފަހު ޝަރުތުކޮށް ކަމަށް އޭނާ ދޫކޮށްލަން ކުރި އަމުރުގައި ބުނެއެވެ.

މާލޭގައި މި ހާދިސާ ހިނގާފައި ވަނީ، އެޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ރޭ 7:45 ހާއިރުއެވެ. އުމުރުން 20 އަހަރުގެ އަންހެނަކު މާލޭގެ މާފަންނު ގައި ހުންނަ ލެމަން ގްރާސް ކުރިމަތިން ހިނގާފައި ދިޔައީ އިޑު މިސްކިތުގައި ތަރާވީހަށް މީހުން ތިބި ވަގުތެއްގައެވެ.

މި ހާދިސާ ހިނގި އިރު އެ ސަރަހައްދުގައި ހުރި ސީސީޓީވީއަކުން ނަގާފައިވާ ވީޑީއޯ ވަނީ ސޯޝަލް މީޑީއާގައި އާންމުކޮށްފައެވެ. މި ވީޑިއޯއިން ފެންނަނީ ފިރިހެނަކު އެ އަންހެން މީހާގެ އަތުގައި ހިފާ ދަމާފައި ގެންދާ މަންޒަރެވެ. އޭރުވެސް އެ އަންހެންމީހާ ގަދަހަދަމުން ދެއެވެ. އަދި އެ މަގުގައި ހުރި ގޯޅިއެއްގެ ތެރެއަށް އެ އަންހެންމީހާ ވައްދަން މަސައްކަތް ކުރި ވަގުތު އެ އަންހެންމީހާ މަގުމައްޗަށް ވެއްޓެއެވެ. އެ ހިސާބުން އެކަކު އޭނާގެ ފައިގައި ހިފާ ދަމާފައި ގެންދަން މަސައްކަތް ކުރެއެވެ. އަދި ދެން ހުރި ފިރިހެން މީހާ އެ އަންހެންމީހާގެ ކޮނޑުގައި ހިފާ އުފުލާލައިގެން އެ ގޯޅިތެރެއަށް ވައްދައެވެ.

މި ކަން ހިނގާ ވަގުތު އެ ސަރަހައްދުގައި ބަޔަކު ތިބޭތަން ފެނެއެވެ. އަދި އެމަގުން ބަޔަކު ހުރަސްކޮށްފައި ވެސް ދެއެވެ. ނަމަވެސް އެކަކުވެސް އެ އަންހެންމީހާއަށް އެހީވާން މަސައްކަތް ކޮށްފައެއް ނުވެއެވެ.

ނަމަވެސް ފަހުން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެނިގެންދިޔައީ ރޭޕުގެ ޝިކާރައަކަށް ވި ކަމަށް ބުނާ އަންހެން މީހާ، އާދަމް ވިޝާން އާ އަލީ ރަޝީދު، އޭނާ ރޭޕް ނުކުރާ ކަމަށް ބުނާ މަންޒަރެވެ.