ގެވެށި އަނިޔާގެ ތުހުމަތު ކުރެވިފައި ވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު އީސަ ހައްޔަރު ކުރުމަށް އަމުރަކަށް އެދުމުން ކުރިމިނަލް ކޯޓުން އެ އަމުރެއް ނުދިނެވެ.

ޕީޖީން ބުނީ އީސަ ހައްޔަރު ކުރުމަށް ފުލުހުން އެދިފައި ވާތީ އެ އަމުރު ހޯދަން ކްރިމިނަލް ކޯޓަށް ހުށަހެޅި ނަމަވެސް އަމުރު ނެރެދެވެން ނެތް ކަމަށް ކޯޓުން ބުނާ ކަމަށެވެ. ނަމަވެސް ސަބަބެއް ހާމަ ކޮށްފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރުކުރުމަށް އަމުރު ނެރެވޭނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދުމުންނެވެ.

އީސައަށް ގެވެށި އަނިޔާގެ ތުހުމަތު ކުރެވިފައިވާއިރު އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. އަދި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ. އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައެއް މިވަގުތު ތަހުގީގު ކުރަމުން ދާތީ، ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އެންމެ ފުރިހަމަގޮތުގައި އެއްބާރުލުން ދެއްވުމަށްޓަކާ ކަމަށް އީސަ ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައާ ގުޅިގެން އީސަ ނިސްބަތްވާ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ހުރިހާ މަގާމުތަކުންވެސް ވަނީ އެކަހެރި ކޮށްފައެވެ.

އީސަ އަނިޔާ ކުރައްވާފައި ވަނީ އޭނާގެ ކުރީގެ އަނބިކަނބަލުންނަށް ކަމަށް ވަނީ އެނގިފައެވެ. އެ މައްސަލައާ ގުޅިގެން ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް އޭނާއަށް ލިބިވަޑައިގެންނެވި އަނީޔާގެ ވާހަކަ ހިއްސާ ކުރައްވަމުން ވިދާޅުވީ ފާއިތުވި 24 ގަޑިއިރަކީ، އޭނާއާ އޭނާގެ ދަރިފުޅު ލޫތު އަށް އުނދަގޫ އިހްސާސްތަކެއް ކުރަންޖެހުނު ވަގުތުތަކެއް ކަމަށެވެ. އަދި ކުރިމަތިވާނެ ކަމަށް ދުވަކުވެސް ހީކޮށްފާނުވާ ކަންތައްތަކެއް ތަޖުރިބާ ކުރަންޖެހުނު ވަގުތުތަކެއް ކަމަށް ވެސް އަސްރާ ވަނީ ވިދާޅުވެފައެވެ.