އެމްޑީޕީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އަށް ކުރެވޭ ތުހުމަތުގެ ހަގީގަތް ބަލައިދިނުމަށް އެމްޑީޕީ އަންހެނުންގެ ރޫހުން ގޮވާލައިފިއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުނީ، އެ ޕާޓީގެ މަޖިލިސް މެންބަރެއްގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތުތަކެއް ކުރެވިފައި ވާތީ، މިކަމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. ވީމާ، މި މައްސަލައިގެ ހަގީގަތް ބަލައި، ތަހުގީގުކޮށް ދިނުމަށް އެދި އެމްޑީޕީ ފިޔަވަޅުއަޅާ ކޮމިޓީއަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން އެދިފައި ވެއެވެ.
އަންހެނުންނަށް ކުރެވޭ އަނިޔާތައް މުޖްތަމައު އިން ނައްތާލުމަށާއި އަދި އަންހެނުންގެ ހައްގު ކަށަވަރުކޮށް ދިނުމުގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމުގައި ހުއްޓުމެއް ނެތި އެމްޑީޕީ އަންހެނުންގެ ރޫޙުން ދެމި ތިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް ވެސް އެފަރާތުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އެމްޑީޕީގެ މެންބަރެއް ކަމަށްވާ، މައްޗަން ގޯޅި ދެކުނު ދާއިރާގެ މެންބަރު ހައިތަމް އަހްމަދު ވަނީ އީސަ ހައްޔަރު ކުރުމަށާއި އަވަހަށް މި މައްސަލަ ތަހުގީގު ކޮށް އަނިޔާ ލިބުނު ފަރާތަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން އެމްޑީޕީގެ މެންބަރެއްގެ ފަރާތުން މިފަދަ އަމަލެއް ފެނިއްޖެ ނަމަ އެމްޑީޕީގެ ސްޓޭންޑަކީ ވެސް މީއީ ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ގެވެށި އަނިޔާގެ މައްސަލައެއް މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައި ވާއިރު، އެއީ މެންބަރު އީސައަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ. އަދި މި މައްސަލައިގައި އޭނާގެ އަނބިކަނބަލުންނަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވާ ކަމަށާއި ފަރުވާ ހޯދުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް މީޑިއާތައް ރިޕޯޓް ކުރެއެވެ.
މި މައްސަލަ ފެންމަތިވެގެން އައި އިރު މެންބަރު އީސަގެ ސީދާ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ. ނަމަވެސް ރޭ ބައެއް މީޑިއާތަކުން ވަނީ އީސައާ ހަވާލާދީ، އޭނާއަށް ތުހުމަތު ކުރެވޭ އެފަދަ މައްސަލައެއް ފުލުހަށް ރިޕޯޓު ކުރިކަން އެނގިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.
މެންބަރު އީސަ ކައިވެނި ބައްލަވައިގަނެގެން އުޅުއްވަނީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަސްރާ ނަސީމާއެވެ.