ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްތް ހަމަލާއާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދެވި އިރު އެ ހޮސްޕިޓަލުގެ ފާހާނާއަކުން ފިސްތޯލައެއް ފެނުނު މައްސަލަ ފެންމަތި ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެފިސްތޯލައިގައި ސައިލެންސަރެއް ވަނީ ހަރުކޮށްފައެވެ. އަދި އެއީ އެމްއެންޑީއެފްގެ ފިސްތޯލައެއްކަން އެ ފިސްތޯލަ ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރުމުން ބެލި ބެލުމުން އެނގިފައިވާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.

އެކަމާ ގުޅިގެން މިއަދު ފުލުހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލު ކުރުމުން ފުލުހުން ބުނެފައި ވަނީ، މިއަދުގެ ޕްރެސް ބޭއްވި އިރު އެކަމާ ގުޅޭ މައުލޫމާތު ގެނެވިފާ ނުވާ ކަމަށާއި އެމައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

މިމަހުގެ 6 ވީ ބުރާސްފަތި ދުވަހު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި އިތުރު ފަރުވާއަށް މިހާރު ހުންނެވީ ޖަރުމަނުގައެވެ.

އެމައްސަލަ އާ ގުޅިގެން 4 މީހަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. އެއީއަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ސައިކަލުގެ ވެރި މީހާ ތަހުމީން އަހްމަދު، 32 އަދި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހުއެވެ.