ގެވެށި އަނިޔާއާއި ޖިންސީ އަނިޔާގެ މައްސަލަތައް ނުބެލި ލަސްވަމުން ދާތީ ކަންބޮޑުވުން ފާޅުކޮށް، އެކަންކަން ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އިދިކޮޅުން ގޮވާލާފިއެވެ.

އިދިކޮޅުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާ ތަމްސީލުކުރާ އެމްޑީޕީގެ މެންބަރު އަހްމަދު އިސާ، އޭނާގެ ކުޑަ ދަރިފުޅަށާއި އަންހެނުންނަށް އަނިޔާ ކުރިކަމަށް ބުނެ ފުލުހަށް ހުށަހެޅިފައިވާ މައްސަލައަށް 24 ގަޑި އިރު ވެގެން ދިޔަ އިރުވެސް އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުގެ އެ އަމަލާ، އެ އަމަލު ރިޕޯޓު ކުރުމުންވެސް ފިޔަވަޅު އެޅުން ލަސްވަމުން ދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އިދިކޮޅުން ބުނީ ރާއްޖޭގައި ގެވެށި އަނިޔާއާ، ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުން ދަނީ ތަންފީޒީ އިދާރާތަކުގެ އިހުމާލު އިންތިހާއަށް ބޮޑުވެ، އެ އިދާރާތަކުގެ ޒިންމާ ފުރިހަމައަށް އަދާ ނުކުރެވި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ލަސްވަމުން ދާތީ ކަމަށެވެ.

ފަހަކަށް އައިސް އެފަދަ އަނިޔާތައް ހިންގާފައިވާ ފަރާތްތަކުގެ ތެރޭގައި މިފަދަ ޢަމަލުތައް ހުއްޓުވުމުގެ ޒިންމާ އާއި ހަވާލުވެވަޑައިގެން ތިއްބަވާ ނުވަތަ އެފަދަ ފަރާތްތަކާއި އާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅުން ހިމެނޭ ކަމާއި، އަދި މައްސަލައިގެ ވަކި ހިސާބަކުން އަނިޔާގެ ޝިކާރައަކަށް ވާ ފަރާތަށް އޭނާގެ ބަޔާން ބަދަލު ކުރުމަށް މަޖުބޫރު ކުރުވާ ތަންވެސް ދަނީ ފެންނަމުންނެވެ. ނުވަތަ ސިޔާސީ ނުފޫޒުން އެ މައްސަލައެއް އޮބިގެން ދަނީއެވެ.
އިދިކޮޅު

އިދިކޮޅުން އިތުރުން ބުނީ ގެވެށި އަނިޔާއާ ޖިންސީ އަނިޔާގެ މައްސަލަތަކަކީ އެކަންކަން ރިޕޯޓު ކުރެވުމާއެކު ލަސް ކުރުމެއް ނެތި ފިޔަވަޅު އެޅި ބެލެން ޖެހޭނެ މައްސަލަތައް ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި އެފަދަ މައްސަލަތަކާ ދެކޮޅަށް އަޑު އުފުލާ ހިންގާ ހަރަކާތްތަކަށް ސަރުކާރުން ހުރަސް އަޅާ، އެފަދަ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުގެ އަނގަ ބަންދު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދިއުމަކީ ވެސް ހިތާމަ ކުރާ ކަމެއް ކަމަށް އިދިކޮޅުން ބުނެއެވެ.

އެހެންކަމުން ގެވެށި އަނިޔާ އާއި ޖިންސީ އަނިޔާގެ މައްސަލަތައް ހިންގަނީ ދައުލަތުގެ ކޮންމެ މަގާމެއްގައި ހުރި މީހެއް ކަމުގައި ވީނަމަވެސް، އެ ފިޔަވަޅު އެޅުމަށް ހެދިފައިވާ ގާނޫނުތައް ފުރިހަމަ ތަންފީޒުކޮށް ގެވެށި އަނިޔާ ނުވަތަ ޖިންސީ އަނިޔާގެ މައްސަލައެއް ރިޕޯޓު ކުރެވޭ ހިސާބުން ފެށިގެން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އިދިކޮޅުން ބުނެއެވެ.

އަދި އެމައްސަލައެއް ބަލާ އެކަމުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަން ޖެހޭ ކަންކަން ލަސް ނުކުރުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. ހަމެއެއާއެކު އެފަދަ އަނިޔާގެ ޝިކާރައަކަށް ވާ ފަރާތަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.