ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހައްޔަރުކޮށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލަ ތަހުގީގު ކުރުމަށް މައްޗަން ގޯޅި ދެކުނު ދާއިރާގެ މެންބަރު ހައިތަމް އަހްމަދު ގޮވާލައްވައިފިއެވެ.

ހައިތަމް މިހެން ވިދާޅުވީ، ފުލުހުން ބަލަމުންދާ ގެވޭށި އަނިޔާގެ މައްސަލައަކާ ގުޅިގެންނެވެ. ގެވެށި އަނިޔާގެ މައްސަލައެއް މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައި ވާއިރު، އެއީ މެންބަރު އީސައަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ. އަދި މި މައްސަލައިގައި އޭނާގެ އަނބިކަނބަލުންނަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވާ ކަމަށާއި ފަރުވާ ހޯދުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް މީޑިއާތައް ރިޕޯޓް ކުރެއެވެ.

ހައިތަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މެންބަރު އީސަ، އޭނާގެ އަނބިކަނބަލުންނާއި ދަރިކަލުންނަށް ގެވެށި އަނިޔާ ކުރި ކަމަށް ބުނާ މައްސަލާއަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އަންހެނުންނަށާއި ކުޑަކުދިންނަށް ކުރާ އެފަދަ އަނިޔާތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް ހައްޔަރުކޮށް އަވަހަށް މައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ލިބިގެން ދިއުމަކީ އުންމީދު ކުރައްވާ ކަމެއް ކަމަށް ހައިތަމް ވިދާޅުވިއެވެ. އެމްޑީޕީގެ މެންބަރެއްގެ ފަރާތުން މިފަދަ އަމަލެއް ފެނިއްޖެ ނަމަ، އެ ޕާޓީން ވެސް ނަގާނެ "ސްޓޭންޑަކީ" މިއީ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ފެންމަތިވެގެން އައި އިރު މެންބަރު އީސަގެ ސީދާ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ. ނަމަވެސް ރޭ ބައެއް މީޑިއާތަކުން ވަނީ އީސައާ ހަވާލާދީ، އޭނާއަށް ތުހުމަތު ކުރެވޭ އެފަދަ މައްސަލައެއް ފުލުހަށް ރިޕޯޓު ކުރިކަން އެނގިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

މެންބަރު އީސަ ކައިވެނި ބައްލަވައިގަނެގެން އުޅުއްވަނީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަސްރާ ނަސީމާއެވެ.