ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަޓިސްޓް ހަމަލާ އާ ގުޅިގެން މިއަދު ހެނދުނު 10:50ގައި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ފުލުހުން ބުނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ، ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ފަރާތުން ޗީފްސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރާ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ކަމަށެވެ.

ފުލުހުން އެންމެ ފަހުން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެއިން ސަސްޕެކްޓް ކަަމަށް ބުނެ ފުލުހުން ހައްޔަރު ކުރި އަހުމަދު އަދުހަމް މޭ 6 ވަނަ ދުވަހު މާލޭގައި ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން ވަގުތު އެ ސަރަހައްދުގައި އޭނާ ހަރަކާތްތެރިވި ގޮތުގެ ވީޑިއޯ ވަނީ ފުޓޭޖް އާންމު ކޮށްފައެވެ.

އެ ވިޑިއޯއިން ފެންނަނީ އަދުހަމް އިމްރާތެއްގެ ތެރޭގައި ފާރުގައި ލެގިލައިގެން ފޯނަކަށް ވާހަކަ ދައްކަން ހުންނަ މަންޒަރެވެ. ހުދުކުލައިގެ އަތްދިގު ގަމީހެއް ލައިގެން ހުރި އަދުހަމް ފޯނަށް ވާހަކަ ދައްކަން ހުންނަ އިރު ދޭތެރެ ދޭތެރެއިން ފައިވާން ބާލައި އެއްފައި ފާރުގައި ވިއްދާލައެވެ. އަދި އޭނާ އިރުކޮޅެއް ފަހުން އެ އިމާރާތުން ބޭރަށް ނުކުންނަން ދާ ވަގިތި އޭނާގެ އަތުގައި ރިމޯޓެއް ޒާތުގެ އެއްޗެއް އޮތް ތަން ފެނެއެވެ.

އޭސީޕީ ރިޔާޒް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ފޮރެންސިކުން ވަނީ ފާރުގައި ހުރީ ފައިތިލައިގެ ނިޝަން ނަގާފައި ކަމަށެވެ. އަދި އާންމުންގެ މީހަކު ދިން މައުލޫމާތާއެކު ފުލުހުން ގޮސް އޭނާ ގޭގައި ހުއްޓާ ހައްޔަރު ކުރުމަށްފަހު އޭނާގެ ފައިގެ ނިޝާން ނަގާފައިވާ ކަަމަށާއި އަދި އެދެ ނިޝަން ދިމާވާ ކަމަށް ފުލުހުން ބުނެއެވެ.

ވ. ތިނަދޫ އަށް އުފަން އުމުރުން 25 އަދުހަމް އަކީ މި ހަމަލާގައި އިސްކޮށް ހަރަކާތްތެރިވީ ފަރާތްކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ވަނީ މިމަހު 9 ވަނަ ދުވަހުގެ ފަތިހު 4:25 ހާއިރު ހައްޔަރުކޮށްފައި ކަަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ މިހާރު އޭނާ އުޅޭ ހުޅުމާލެ ފްލެޓް 9-5ޖީ-02 ގައި ހުއްޓާ އެވެ.

މީގެ އިތުރުން މި މައްސަލައިގައި ކުރިން ހައްޔަރު ކުރި ދެ މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21 އ އާއި ތަހުމީން އަހުމަދު ފޮޅޭމާ/ގއ ކޮނޑޭ، 32 އ. އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، އެ ތިން މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެެއް ޖަހާފައިވާ ކަަމަށެވެ.