ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅައިފިއެވެ.

ފުލުހުން ބުނީ، ގެވެށި އަނިޔާގެ މައްސަލައެއް ރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށާއި އަދި އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން ދާ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ތުހުމަތުވާ ފަރާތުގެ ނަން ފުލުހުން ހާމައެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތަކީ މެންބަރު އީސައެވެ. ރޭގެ ވަގުތެއްގައި އޭނާގެ އަނބިކަނބަލުންނަށް އަނިޔާ ކުރެއްވި މައްސަލައެއް އަވައްޓެރިއަކު ފުލުހުންނަށް ރިޕޯޓުކޮށްފައި ވާ ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި މި މައްސަލައިގައި އަނިޔާ ލިބުނު އޭނާގެ އަނބިކަނބަލުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ކަމާ ގުޅިގެން ބައެއް ނޫސްތަކަށް އީސަ މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ އެފަދަ މައްސަލައެއް ފުލުހަށް ރިޕޯޓު ކުރިކަން އޭނާއަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

މެންބަރު އީސަ ކައިވެނި ބައްލަވައިގަނެގެން އުޅުއްވަނީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަސްރާ ނަސީމާއެވެ.