ގައުމު ހަމަޖެހިލައިގެން ރީތިކޮށް ކުރިއަށް ދާނެ ހަމަ އެންމެ ދުވަހެއްވެސް ފެންނަން ނެތީހެއްޔެވެ؟ ވެންޓިލޭޓަރު ވައްކަމާއި، ގޭސް ސިލިންޑަރު ވައްކަމާއި، އެމްއެމްޕީއާރުސީ ވައްކަމާއި، ޕީސީއާރު ވައްކަމާއި، ބަދަލު ދިނުން ނޫން ކަމެއް ނުފެންނާނެހެއްޔެވެ؟

ސިޔާސީ މަގާމުތަކަށް ގާތް އެކުވެރިން ލުމާއި، ބަލަދު އަރާ ރައްޓެހިންނަށް ކުންފުނިތައް ހަދައި ދިނުމާއި ކޮމެޓީތައް ހަދައިދިނުން ނޫން ކަމެއް ނެތީހެއްޔެވެ؟

މީ އަޅެ ގައުމެއް ހެއްޔެވެ؟

މިހާރު ދައްކާ ވާހަކައަކީ، ބޭންކް ތަކުގެ ބޯޑަށް ސިޔާސީ އެކިއެކި މަގާމުތަކުގައި ތިބޭ މީހުންގެ އާއިލާގެ މެންބަރުން ނުލެވިގެން އެވާހަކައެވެ. އެކަން އެގޮތަށް ކުރެވޭ ގޮތަށް ބޭންކިން އެކްޓުގައި ބުނާ އުސޫލުތަކަށް ބަދަލުވެސް ގެނެސްފިއެވެ. ކުރިން އެ އުސޫލުގައި އޮންނަނީ މާލީ އިދާރާތަކުގެ ބޯޑުތައް ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމަށް ކެބިނެޓާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ކައުންސިލްތަކާއި ރައީސް އައްޔަން ކުރައްވާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ސިޔާސީ ޕާޓީއެއްގެ މުހިންމު މަގާމެއް އަދާކުރައްވާ ބޭފުޅުންނާއި އެ ބޭފުޅުންގެ އާއިލީ ބޭފުޅުނަށް މާލީ އިދާރާތަކުގެ ބޯޑުތަކުގައި ނުތިބެވޭނެ ކަމަށެވެ. ނަމަވެސް އެމްއެމްއޭއިން ވަނީ މި ގަވާއިދަށް ބަދަލު ގެނެސް އިއްޔެ ގެޒެޓުވެސް ކޮށްފައެވެ.

އެމްއެމްއޭއިން އެކަމާ ގުޅޭ ގޮތުން ބުނަނީ، ބޭންކުތަކުގެ ބޯޑުތަކަށް ލާނެ އެކަށީގެންވާ ގާބިލު މީހުން އާންމުންގެ ތެރެއިން ނުލިބެނީޔޯލައެވެ. އަދި ސީއެމްޑީއޭގެ ކޯޑާއި ބައެއް ގައުމުތަކުގައިވެސް އެގޮތަށް އެކަން ކުރެވޭޔޯލައެވެ.

ސުވާލު އުފެދެނީ، އެހެން ގައުމުތަކުގައި އެކަން އެގޮތަށް ނުކުރާތީއެއް ނޫނެވެ. އަދި ސީއެމްޑީއޭގެ ކޯޑުގައި ވެސް އެހިފެހެއްޓުން ނެތިގެނެއްވެސް ނޫނެވެ. ސުވާލު އުފެދެނީ، ބޭންކުތަކުގެ ބޯޑުތަކަށް އަންޔަން ކުރަން ނުވަތަ ލާނެ ވަރަށް ގާބިލު މީހުން މިގައުމުގައި ނެތޭ ބުނާތީއެވެ.

ތެދެކެވެ. ސިޔާސީ އެކިއެކި މީހުންނާ ގުޅުން ހުރި އާއިލީ މީހުންގެ ލިސްޓެއް ހަދަިއގެން ބޯޑުތަކަށް އައްޔަން ކުރަމުން ދަންޏާ އެބުނާ ގާބިލު މީހުން ހަމަ ނުވެދާނެއެވެ. ސިޔާސީ ކުލަ ޖައްސައިގެން ހިންގާ މަދަނީ ކަމެއްގައި ގާބިލުކަން އޮންނާނީ ނަމަކަށެވެ.

ގާބިލު މީހުން ލިބުން ދަތިވާ ކަމަށް އެކިއެކި ބޭންކުތަކުން ބުނާ ކަމަށް ބުނެ އެމްއެމްއޭއިން އުސޫލު ބަދަލު ކުރި އިރު ސުވާލަކީ، ބޭންކުތަކުގެ ބޯޑުތަކަށް އައްޔަން ކުރަން މީހުން ހޯދަން ކިތައް ފަހަރު އާންމުކޮށް އިއުލާން ކުރިތޯއެވެ. އަދި ކިތައް މީހުން ސިޓީ ލި ތޯއެވެ.

ގާބިލު މީހުން ނުލިބޭ ކަމަށް ބުނެ ވާހަކަތަކެއް ދައްކަން ވާނީ އާންމުކޮށް އިއުލާން ކޮށް ކުރިމަތިލާނެ މީހުން ނުލިބޭނަމަތާއެވެ.

އެމްއެމްއޭއިން އިތުރަށް ބުނަނީ، މާލީ ދާއިރާއިން ކިޔަވައިން ތިބޭ އަދި ކަމަށް ގާބިލު މީހުން ސިޔާސީ ކޮންމެވެސް މީހަކާ ގުޅިފައި އޮންނަ ކަމަށެވެ. އެހެން ނުގުޅި މިނިވަންކޮށް ތިބެނީ މަދުބައެއް ކަމަށެވެ. ގަވައިދަށް ބަދަލު ގެނައީ ސިޔާސީ ނުފޫޒު ކުޑަކޮށް، ކަމަށް ގާބިލު މީހުން ނެގުމަށް ކަމަށް އެމްއެމްއޭއިން ބުނާއިރު މިގައުމުގައި "ސިޔާސީ އޮންނަ ގޮތް" އެމްއެމްއޭއަށް އިނގޭ ކަމާމެދު އެބަ ސުވާލު އުފެދެއެވެ.

ރާއްޖޭގައި ކޮންމެ ކަމެއްވެސް ސިޔާސީ ކޮށްފައި އޮންނަ އިރު އަމުދުން މާލީ ދާއިރާ ކަހަލަ ޕްރޮފެޝަނަލް މަސައްކަތްތަކެއް ކުރަންޖެހޭ ދާއިރާއެއްގެ ބޯޑުތަކަށް ސިޔާސީ ފަރާތްތަކުގެ އަނބިންނާއި ފިރިންނައި އާއިލާތަކުގެ މީހުންނަށް ފަސޭހަކަމާއެކު ދެވޭ ގޮތަށް ހެދުމަކީ މާލީ ދާއިރާ ސިޔާސީ ކުރުން ނޫން ދެވަނަ ކަމަކަށް ވޭ ހެއްޔެވެ؟

ސިޔާސީ ވަކި ފަރާތަކަށް ނުވަތަ ބަޔަކަށް ވަޒީފާ ހަމަޖައްސައި ނުދެވިގެން މި ޒާތުގެ ކަންކަން ކުރުމަކީ މިހާރުވެސް ކޮލޭޕްސް ވަމުންދާ ރާއްޖޭގެ މާލީ އިދާރާތައް އެއްކޮށް ފުނޑިދާނެ ކަމެއް ނޫންހެއްޔެވެ؟