ރާއްޖެއަށް މިވަގުތު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ބައެއް ގެތަކަށް ލިބުނު ގެއްލުމުގައި އެހީވަމުންދާ ދަނޑިވަޅުގައި އައްޑޫގެ ހުޅުދޫގައި އެކަނިމާ އެކަނި ދިރިއުޅެމުން އަންނަ އަންހެނަކު ހާލުގައި ޖެހިފައިވާ ވާހަކަ 'ދަ ޕްރެސް' އަށް ހިއްސާ ކޮށްފިއެވެ.

އެގެއަކީ އެރަށުގެ އެންމެ ތިރިކޮށް އޮންނަ ސަަރަހައްދުގައި ހުންނަ ގެއެކެވެ. ވާރޭ ވެހި ފެންބޮޑުވެ މުޅި ގޭތެރެއަށް ފެންވަދެ ފަރުނީޗަރުތަކަށް ފެނުގެ އަސަރު ފޯރުމުން އެހީއަށް އެދި އޭނާ ފުރަތަމަ ވެސް ގުޅީ ފުލުހުންނަށް ކަމަށް ބުނެއެވެ. ހާލުގައި ޖެހިގެން ފުރަތަމަ ކުރި ކޯލުން ވެސް އޭނާއަށް ލިބުނީ މާޔޫސްވާ ފަދަ ޖަވާބެއް ކަމަށް އޭނާ ބުނެއެވެ. ފުލުހުން ބުނީ ކައުންސިލުން އަންގާ ގެތަކަށް އެޓެންޑް ވަމުން އަންނަ ކަމަށެވެ. އެހެންކަމުން އަނެއްކާ އޭނާއަށް ދެން ޖެހުނީ ކައުންސިލުގެ ދޮރުގައި ޓަކި ޖަހާށެވެ.

ކައުންސިލަށް ގުޅުމުން ބުނީ ވިއްސާރައިގައި ރިޕޯޓްކޮށްފައިވާ ގެތަކަށް އެހީވުމަށް ފުލުހުންނަށް މީހާރު އަންގާފައިވާ ކަމަށެވެ. މާޔޫސް ވެފައި އިން އަންހެން މީހާއަށް ލިބުނީ އުފާވެރި ހަބަރެކެވެ. ފުލުހުން އޭނާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށް ދިނުމަށް އަންނާނެ ވަގުތެއް ބެލުމުގެ ބޭނުމުގައި އަނެއްކާ ވެސް އޭނާ ފުލުހުންނަށް ގުޅީ ފޮނި އުންމީދުތަކާ އެކު ކަމަށް އޭނާ ބުނެއެވެ. އަދި އެ ކޯލާއެކު ފުލުހުން ބުނި ބަސްތަކަކީ އޭނާ ހިތުގައި ޖެހި އެކަނިވެރިކަމާއި ނިކަމެތިކަން އިހްސާސްވީ ވަގުތެއްގެ ގޮތުގައި އޭނާ ސިފަ ކުރެއެވެ.

ހުޅުދޫގައި ފެންބޮޑުވެފައިވާ ގޭގެ ފަރުނީޗަރުތަކަށް ފެނުގެ އަސަރުކޮށްފައި

ފުލުހުން އޭނާ ގާތުގައި ބުނީ އެގެއިން ފެން ހިންދޭނީ އެ މުޅި ސަރަހައްދުން ފެން ހިއްކުމުން ކަމަށާއި މިއީ ގުދުރަތީ ކަމެއް ކަމަށެވެ. މުޅި ސަރަހައްދުން ފެން ހިނދެން ދެން ހުންނަން މަޖުބޫރުވި އެ އަންހެން މީހާގެ އާއިލާ މީހުން ދިރިއުޅެނީ މާލޭގައެވެ. އެ އާއިލާ އިތުރު މީހަކު 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، ފުލުހުންގެ ފަރާތުން އޭނާގެ ދައްތައަށް ދިން ޖަވާބަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ފުލުހުންނަކީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި ދެމި ތިބެން ޖެހޭ ބަޔަކަށް ވީ ހިނދު އެހެން ގެތަކުގައި އެކަކަށް ވުރެ ގިނަ މީހުން އުޅޭނެ ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އެކަނިމާ އެކަނި ހުރި ދައްތައަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށް ނުދީ އޮތުމަކީ ނިކަމެތި މީހަކު ނިކަމެތި ކޮށްލުން ފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއެވެ. އަދި މިހާރު ކަމެއް ވާނީ މައްސަލަ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން ކަމަކީ ގަބޫލުރަން ޖެހިފައި އޮތް ހަގީގަތެއް ކަމަށް ވެސް އޭނާ ބުނެއެވެ.

މި މައްސަލައާ ގުޅިގެން އެ ރަށު ކައުންސިލަށް ގުޅުން ކައުންސިލުން ބުނީ، އެ ރަށަށް ކުރި ވިއްސާރާއިގައި މިހާތަނަށް 9 ގެއަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން ދެ ގެއަކަށް ވަރަށް ބޮޑުވަރު ވެފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. ކައުންސިލުން މި މައްސަލަ ކުރިމަތިވެ ގެއާ ގުޅިގެން ބުނީ އެ މައްސަލަ ރިޕޯޓު ކުރުމުން އޭގެ އަޕްޑޭޓެއް ބަލާފައިވާ ކަަމަށެވެ. ފުލުހުން ވަނީ އޭގެ ދޮރުމަތީގައި ވެލިބަސްތާ ޖަހައިދީފައި ކަމަށް ކައުންސިލުން ފުލުހުންނާ ހަވާލާދީ ބުނެއެވެ.

"އިއްޔެ އިން ސުރެ ގުޅާގުޅައި ފުލުހުން އެޓެންޑް ވީ މިއަދު، ފުލުހުން އައުމުގެ ކުރިން ރޭ ދަންވަރު އެގޭ ކުރިމަތީ ބަސްތާ ޖަހައިދިނީ އެ ހިސާބުގައި އުޅޭ ޒުވާން ދެ ކުއްޖެއް. ދެން ފުލުހުން އައީ މިއަދު. އައިއްސަ ބުނީ މިކަން ހައްލުވެއްޖެ ނޫންހޭ، އެހެރީ ބަސްތާފައް ޖަހާފައެއް ނޫން"

ފުލުހުން އެހީވި ކަމަށް ކައުންސިލުން ބުނި ކަމަށް ބުނުމުން ހާލުގައި ޖެހިފައި ހުރި އަންހެން މީހާ ބުނީ، އެގޭ ފޮރުމަތީ ބަސްތާ ތަކެއް ގެނެސް ޖަހައިދިނީ ފުލުހުން ނޫން ކަމަށެވެ. އެއީ އެ ހިސާބުގައި އުޅޭ ދެ ޒުވާން ކ،ުދިން ކަމަށާއި ބަސްތާ ޖަހާފައި ހުރިތަން ފެނުމުން ފުލުހުން އައިސް މައްސަަލަ މިއޮތީ ހައްލުވެފައި ކަމަށް ބުނެފައި ކަމަށް ވެސް އެ އަންހެން މީހާ ބުނެއެވެ.

އެކަނިމާއެކަނި އުޅޭ އެއަންހެންމމީހާ ހުށަހެޅި މައްސަލައާ ގުޅިގެން އެ ކައުންސިލުން ބުނީ ފުލުހުންގެ އިންޗާޖަކަށް ހުންނެވި ބޭފުޅާއަށް ގުޅާފައި ވާނެ ކަމަށާއި އަދި އެ ގޭގައި ޕަންޕް ޖަހައިދިނުމަށް ވެސް ކައުންސިލް ގެ ފަރާތުން އެދިފައި ވާނެ ކަމަށެވެ. ހާލުގައި ޖެހިގެން މި ވަގުތު ގުޅާ މިފަދަ ގެތަކަށް ޕަންޕް ޖަހައި ދިނުމަކީ ވެސް އެ ރައްޔިތުން ހިތްހަމަޖައްސައި ދިނުމަށް ކުރެވިދާނެ ކަމެއްގެ ގޮތުގައި ކައުންސިލުން ފާހަގަ ކުރިއެވެ.

އައްޑޫ ހުޅުދޫގައި 9 ގެއަކަށް ފެންވަދެގެން މިޙާރު ރިޕޯޓުކޮށްފައިވާ އިރު އަދި ގެތައް އިތުރުވުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ކައުންސިލުން ބުނެއެވެ. ގެއްލުން ލިބުނު އިތުރު ގެތަކުގެ ތަފސްީލް ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ހުޅުދޫގައި 9 ގެއެއް މިހާތަނަށް ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ އިރު މުޅި އައްޑޫ ސިޓީން 315 ގެއަކަށް ފެން ވަދެގެން ރިޕޯޓު ކޮށްފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއެވެ.