ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ނިމެންދެން، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރުމަކީ މުހިއްމު ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ތޯރިގު އެހެން ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓްރަށް ދެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން ތޯރިގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ނިމެންދެން، ޑިފެންސް މިނިސްޓަރު މާރިޔާ މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރުމަކީ ދެފުށް ފެންނަ ތަހުގީގަކަށް މުހިއްމު ކަމެއް ކަމަށާއި މިހާރު ތިލަވާ މައުލޫމާތާއި، ޕްރެސްގައި ދެއްކެވި ވާހަކައަށް ބަލާއިރު އެނޫން ގޮތެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

ތޯރިގުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މާރިޔާ އަށް މައުލޫމާތު ލިބިވަޑައިގެން އެ ކަމަށް ފިޔަވަޅު ނާޅުއްވާ އޮއްވާ، ރައީސް ނަޝީދު އަށް ހަމަލާ އެއް ދެވުނު ކަމީ މިނިސްޓަރު ގެ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ. އަދި މިއީ އެކަމަނާ ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމެއް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ މި ފަދަ ސީރިއަސް އިހުމާލު ތަކުގައި ޒިންމާ ނުނަންގަވާ ރެކެވޭނެ އެއްވެސް ގޮތެއް އޮވެގެން ނުވާނެ ކަމަށާއި 3 މިލިއަން ޑޮލަރު ހުށަހަޅައިގެން މި ފަދަ ނުރައްކާތެރި ކަމެއް ރާވާ ކަމުގެ މައުލޫމާތު މަޖިލިސް ގެ މެންބަރަކު މާރިޔާ އަށް ފޯރުކޮށް ދެއްވުމުން އެކަން ފުލުހުންނަށް އެންގުމަކީ މާރިޔާގެ ގާނޫނީ ޒިންމާ އެއް ކަމަށެވެ.

https://www.facebook.com/142687689216708/posts/1961067657378693/?d=n

އެކަމާ ގުޅިގެން ކޮމެންޓެއް ހޯދުމަށް "ދަ ޕްރެސް" އިން މާރިޔާއާ ސުވާލު ކުރި ނަމަވެސް ޖަވާބެއް ނުދެއްވިއެވެ.

ލަބީބު ވިދާޅުވިގޮތުގައި ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަކަމުގެ މައުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބިވަޑައިގަތުމާ ގުޅިގެން، އެމައުލޫމާތު ވަގުތުން ރައީސް ނަޝީދަށް ހިއްސާ ކުރެއްވި ކަމަށެވެ. އަދި ޑިފެންސް މިނިސްޓަށް ގުޅުއްވާ، ރައީސް ނަޝީދުގެ އިރުޝާދާއެކު، އެމައުލޫމާތު ދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އަދާކުރަން ޖެހޭ ފަރާތަކީ ޑިފެންސް މިނިސްޓްރީ ކަމަށް ވާތީ އެ މައުލޫމާތު އެ މުއައްސަސާއާ ހިއްސާކުރެއްވުމުން، އެމައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސްއަށް ނުވަތަ ކޮމިޝަނާ އޮފް ޕޮލިސް އާ ހިއްސާ ކުރުމަށް އެފަރާތުން (ޑިފެންސް އިން) އެއްވެސް ހާލަތެއްގައި އަންގާފައި ނުވާ ކަމަށް ވެސް ލަބީބު ވަނީ ވިދާޅުވެފައެވެ.

ލަބީބު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދިން މައްސައްލައިގެ ތަހްގީގަށް އޭނާގެ ފަރާތުން ދޭންޖެހޭ މައުލޫމާތާއި އެއްބާރުލުން ދެއްވަމުން ގެންދަވާ ކަމަށެވެ.

ލަބީބު އެހެން ވިދާޅުވެފައި ވާއިރު މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވެސް ވަނީ އެފަދަ ހަމަލާއެއް ނަޝީދަށް އައިސް ދާނެ ކަމުގެ އެލާޓް ލިބިވަޑައިގެން ކަމާ ބެހޭ ފަރާތްތަކަށް އެކަން އަންގަވާފައި ވާ ކަމަށް "ދަ ޕްރެސް" އަށް ވިދާޅުވެފައެވެ.