ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓްރަށް ދެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ލްބީބު ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަކަމުގެ މައުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުމާ ގުޅިގެން، އެމައުލޫމާތު ވަގުތުން ރައީސް ނަޝީދަށް ހިއްސާ ކުރެއްވި ކަމަށާއި އަދި މިނިސްޓާ އޮފް ޑިފެންސްއާ ގުޅާ، ރައީސް ނަޝީދުގެ އިރުޝާދާއެކު، އެމައުލޫމާތު ޑިފެންސް މިނިސްޓަރަށް ދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އަދާކުރަން ޖެހޭ ފަރާތަކީ ޑިފެންސް މިނިސްޓްރީ ކަމަށް ވާތީ އެ މައުލޫމާތު އެމުއައްސަސާއާ ހިއްސާކުރުމުން، އެމައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސްއަށް ނުވަތަ ކޮމިޝަނާ އޮފް ޕޮލިސް އާ ހިއްސާ ކުރުމަށް އެފަރާތުން (ޑިފެންސް އިން) އެއްވެސް ހާލަތެއްގައި އަންގާފައި ނުވާ ކަމަށް ވެސް ލަބީބު ވަނީ ވިދާޅުވެފައެވެ.

ލަބީބު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދިން މައްސައްލައިގެ ތަހްގީގަށް އޭނާގެ ފަރާތުން ދޭންޖެހޭ މައުލޫމާތާއި އެއްބާރުލުން ދެއްވަމުން ގެންދަވާ ކަމަށެވެ.

އޭގެ އިތުރުން އެމައްސަލަ ތަހުގީގު ކުރަމުން ދަނިކޮން، އެމައްސަލައާ ގުޅޭ ގޮތުން ދައުލަތުގެ އިދާރާތަކަށް ލިބިފައިވާ މައުލޫމާތު، ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުން އާންމުކޮށް، އެމައުލޫމާތު މީޑިއާގައި ބަހުސް ކުރުމަށް ހުޅުވާލުމަކީ ޒިންމާދާރު ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ލަބީބު ވަނީ ވިދާޅުވެފައެވެ.

ލަބީބު އެހެން ވިދާޅުވެފައި ވާއިރު، ރައީސް ނަޝީދަށް އެފަދަ ހަމަލާއެއް އަތުވެދާނެ ކަމުގެ އެލާޓް ލިބިވަޑައިގެން ކަމާ ބެހޭ ފަރާތްތަކަށް އެންގެވި ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވެސް ވަނީ ވިދާޅުވެފައެވެ.

މިމަހުގެ 6 ވީ ބުރާސްފަތި ދުވަހު ނަޝީދު އަވަހާރަ ކޮށްލަން ދިން ވަރުގަދަ ހަމަލާ އާ ގުޅިގެން އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި އިތުރު ފަރުވާއަށް އިއްޔެ ވަނީ ޖަރުމަނަށް ވަޑައިގެންފައެވެ.

ފުލުހުން ވަނީ އެ މައްސަލަ އާ ގުޅުން ހުރި ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައެވެ. އަދި މިހާރު ވަނީ އެ މައްސަލައިގައި 3 މީހަކު ހައްޔަރުވެސް ކޮށްފައެވެ. ހައްޔަރު ކުރި 3 މީހުންގެ ވަނަވަރާއި ފޮޓޯވެސް ވަނީ އާންމު ކޮށްފައެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި 3 މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21 އ އާއި ތަހުމީން އަހުމަދު ފޮޅޭމާ/ގއ ކޮނޑޭ، 32 އ އާއި ބޮން ގޮއްވާލި މޭސްތިރިޔާ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދުހަމް 25 އ އެވެ. 4 ވަނަ މީހާ އަދި އަތެއް ނުވެއެވެ.