މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ހއ އަތޮޅުން ފެށިގެން ޅ އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް އޮރެންޖް އެލާޓް ނެރެފިއެވެ.
އޮރެންޖް އެލާޓް ނެރެފައިވަނީ 03:15 އިން ފެށިގެން 05:15 އާ ދޭތެރޭ މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގަޑިއަކު 34 މޭލާ 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށެވެ. އަދި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށާ ކަނޑުތަށް ގަދަވެ ރާޅު އަރާނެކަމަށްވެސް ލަފާކުރެވޭކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ބުނެއެވެ.
ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން އިއްޔެ ބުނެފައިވަނީ ކުރިޔަށް އޮތް 3 ދުވަހުވެސް ރައްޖޭގެ އެކި ހިސާބުތަކުގައި ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވެ ވައިބާރުވާނެކަމަށް ލަފާކުރެވޭ ކަމަށާ، އާންމު ގޮތެއްގައި 17 މޭލާ 27 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑެއްގައި 50 މޭލާ 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.
ރާއްޖެ ކައިރިން އަރަބިކަނޑުގައި ކޮޅިގަނޑެއް އުފެދިފައިވާއިރު މި ކޮޅިގަނޑު މިހާރުވަނީ ބާރުގަދަވާން ފަށާފައެވެ. އަދި މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ހާމަކުރެއެވެ. މި ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވިއްސާރަ ވިލާ އުފެދެމުންދާކަމަށާ މި ކޮޅިގަނޑު މިހާރު ދަނީ ރާއްޖެއާ ދުރަށްކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.