އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ޖަރީމާތަކަށް އެމެރިކާއިން ހިތްވަރުދޭތީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު ރޭ ކުރެއްވި ޓުވީޓުގައި ވަނީ އިސްރާއީލުން ފަލަސްތީންގައި ހިންގަމުން ގެންދާ ހަނގުރާމައިގެ ޖަރީމާތަކަމަށް އެމެރިކާ އިން ހިތްވަރު ދެމުން ދާއިރު އެމެރިކާ އަށް ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ޗެމްޕިއަނެއްގެ ގޮތުގައި އޮވެވޭނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ.

ރައީސް ވަހީދު ފާހަގަކޮށްލެވެނީ ފަލަސްތީނާއި ވަރަށް ގާތް ގުޅުމެއް އެ މަނިކުފާނުގެ ވެރިކަމުގައި ބޭއްވި ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ވަނީ ފަލަސްތީނަށް ޒިޔާރަތްކުރައްވާފައިވެއެވެ. އަދި އަބަދުވެސް ފަލަސްތީނުގައި ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ހިންގަމުންގެންދާ ޖަރީމާތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވަމުން ގެންދަވައެވެ.

ރަމަޟާންމަހުގެ ފަހުދިހައަކުން ފެށިގެން އިސްރާއީލުން އަނެއްކާވެސް ވަނީ ފަލަސްތީނަށް ހަމަލާތައް ދޭން ފަށާފައެވެ. ހަމަލާތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ޝަހީދުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާ އަންހެނުންވެސް ހިމެނެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ، މެދުއިރުމަތީގެ މަސްރަހު ފިނި ކުރުމަށް ގޮވާލައްވާފައެވެ. އަދި ސަރަހައްދީ ލީޑަރުންނާއެކު މަޝްވަރާތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ހޫނުވެފައިވާ މަސްރަހާ ގުޅިގެން އދގެ ސާލާމަތީ މަޖިލީހުގެ ހާއްސަ ބައްދަލުވުމެއް، މިމަހުގެ 16 ވަނަ ދުވަހު އޮންނާނެ ކަމަށް، އދގައި އެމެރިކާ ތަމްސީލު ކުރައްވާ މަންދޫބު، ލިންޑާ ޓޮމަސް-ގްރީންފީލްޑް ވަނީ ވިދާޅުވެފައެވެ.