4.5 ބިލިއަން އަހަރު ވެފައި ވާ ގިނިހިލައެއް، ދުނިޔެ ކައިރިން ދަތުރު ކުރާ މަންޒަރު ފެންނަ، އާދަޔާ ހިލާފު ފޮޓޯއެއް، އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން އާންމު ކޮށްފިއެވެ.

"ބެނޫ"ގެ ނަން ދީފައިވާ ގިނިހިލަ، ދުނިޔެ ކައިރިން ދަތުރު ކުރާ މަންޒަރު ފޮޓޯ ނަގާފައި ވަނީ، އެ ގިނިހިލައިން ހިލަޔާއި ވެލީގެ ސާމްޕަލް ނަގައިގެން ދުނިޔެއަށް ދަތުރު ކުރަމުން އަންނަ، އޮޒައިރިސް ރެކްސް ސްޕްރޭސްކްރާފްޓުންނެވެ.

އޮޒައިރިސް ރެކްސް މިޝަންގެ ޕްރިންސިޕަލް އިންވެސްޓިގޭޓާ 2018 ވަނަ އަހަރު ހާމަ ކުރެއްވި ގޮތުގައި، މި ގިނިހަލައިގެ ސަތަހައިން، ހައިޑްރޮޖެން އަދި އޮކްސިޖަންގެ އަސަރު ވަނީ ފެނިފައެވެ. މިއީ ފެނުގައި އެކުލެވޭ މާއްދާތަކެވެ.

ބެނޫއިން ސާމްޕަލް ހިފައިގެން އޮޒައިރިސް ރެކްސް ސްޕްރޭސްކްރާފްޓު ދުނިޔެއަށް ވަނުމަށް 2 އަހަރެއްހާ ދުވަސް ހޭދަ ވާނެއެވެ. މި އުޅަނދު ބިމަށް އަންނާނީ 2023 ވަނަ އަހަރު ކަމަށް ނާސާއިން ބުނެއެވެ. އެއަށްފަހު ސާމްޕަލްތައް ނާސާގެ ލެބަށް ގެންދިއުމުގެ އިތުރުން، ދުނިޔެގެ އެކި ކަންކޮޅުތަކަށްވެސް ސާމްޕަލް ބަހާނެ ކަމަށް ނާސާއިން ބުނެއެވެ.

https://www.instagram.com/p/COv5bvCJTNY/

އޮޒައިރިސް ރެކްސް ސްޕްރޭސްކްރާފްޓުން ގެންނަ ސާމްޕަލްގެ 75 ޕަސެންޓަކީ، މިހާރު އުފެދިފައި ނެތް ޓެކްނޮލޮޖީ ބޭނުން ކޮށްގެން، އަންނަން އޮތް ޖީލުތަކުގައި ތަހުލީލުތައް ކުރުމަށް، ރައްކާ ކުރާނެ ސާމްޕަލްތަކެއް ކަމަށްވެސް ނާސާއިން ބުނެއެވެ.

ގާތްގަނޑަކަށް 800 މިލިއަން ޑޮލަރުގެ އޮޒައިރިސް ރެކްސް ސްޕްރޭސްކްރާފްޓަކީ ލޮކްހީޑް މާޓިންގެ ފަރުމާއެކެވެ. މި އުޅަނދު އުދުއްސާލީ 2016 ވަނަ އަހަރުއެވެ. އަމާޒަކަށް ވީ، ގިނިހިލައިގެ ފުރަތަމަ ސާމްޕަލް، އެމެރިކާއަށް ފޯރުކޮށްދިނުމެވެ. މި ޝަރަފު އޮތް ހަމައެކަނި ގައުމަކީ ޖަޕާނެވެ.