ކުރީގެ ޓޫރިޒަމް މިނިސްޓަރު، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލާގައި އެނާގެ ފަރާތުން މައްސަލާގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ގެ މައްޗަށް އެއް އަހަރުގެ ޖަހު ހުކުމެއް ކަނޑައަޅައި ދިނުމަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދެން ނިންމައިފިއެވެ.
ޕްރޮސެކިޔުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިޔުޓަރު އަހުމަދު ޝަފީއު ވިދާޅުވީ އަލީ ވަހީދު މައްސަލައިގެ އަޑުއެހުމެއް ބާއްވައި ދިނުމަށްވެސް ޕީޖީ އިން ކްރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށެވެ.
އެގޮތުން އަލީ ވަހީދުގެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމާ ގުޅިގެން ކްރިމިނަލް ކޯޓަށް އެ އޮފީހުން ދެ ސިޓީއެއް އިއްޔެ ފޮނުވާފައިވާ ކަމަށާއި އެއް ސިޓީއަކީ މައްސަލައިގެ އަޑުއެހުމެއް ބާއްވައި ދިނުމަށް އެދި ހުށައަޅާފައިވާ ސިޓީއެކެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައި ވަނީ ވަކި މުއްދަތެއް ކަނޑައަޅައިގެން ކަމަށް ނުވާތީ އަޑުއެހުމެއް ބޭއްވުމަށް ގާނޫނު މަނާކުރާ އެއްވެސް ކަމެއް ނެތްކަން ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
ދެވަނަ ސިޓީގައި އެ އޮފީހުން އެދިފައިވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)، ޖާމިނު އެއްބަސްވުމާ ހިލާފުވެފައި ވާތީ އެކަމުގެ އަދަބެއްގެ ގޮތުގައި އޭނާގެ މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅައި ދިނުމަށެވެ. އައްސަދުގެ އެ އަމަލަކީ ކޯޓްގެ ހުރުމަތް ކެނޑުމުގެ އަމަލެކެވެ. އަދި ޖާމިނު އެއްބަސްވުމާއި އައްސަދު ހިލާފުވެފައި ވާކަން ހައިކޯޓްގެ ހުކުމް ސާފުކޮށް އެނގެއެވެ.
އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައި ވަނީ، އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ. އެ މައްސަލައިގެ އަޑުއެހުންތައް ބާއްވަމުން ދަނިކޮށް އަލީ ވަހީދު އެދިވަޑައިގަތުމުން އޭނާ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދިއުމަށް އޭނާގެ ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމުމާއެކު މި މައްސަލަ ވަނީ އިތުރަށް ހޫނުވެފައެވެ. އެ އަމުރު ނެރުމާ އެކު އަލީ ވަހީދު ވަނީ އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޓާކިޝް އެއާލައިނުން ލަންޑަނަށް އޭނާ ވަނީ ފުރާވަޑައިގެންފައެވެ.
ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައި ވަނީ 4 މަސް ދުވަހަށެވެ. އަދި ޖާމިނުވާ ފަރާތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓުގެ ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަން ޕީޖީން ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ އިސްތިއުނާފް ކުރި ނަމަވެސް އަލީ ވަހީދު މިހާރު އުޅޭ އެޑްރެހެއް ޕީޖީއަށް ބުނެދެވިފައި ނުވުމުން ޗިޓް ރައްދުކުރާނެ ގޮތެއް ނެތިގެން ހައިކޯޓުގައި އެ މައްސަލަ ކުރިޔަށް ނުގެންދެވި ވަނީ ހުއްޓިފައެވެ.