ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުން ގެންދާ އިންސާނިއްޔަތާ ހިލާފު ޖަރީމާތައް އަދާލަތު ޕަޓީން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

މުސްލިމުންގެ އެންމެ ފުރަތަމ ގިބުލަ ކަމުގައިވާ އަލް މަސްޖިދުލް އަގްސޯއަށް އަމާޒުކޮށް ރަމަޟާން މަހުގެ ފަހު ދިހައިން ފެށިގެން ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ސިފައިން ދަނީ ހަމަލާ ދެމުންނެވެ. އަދާލަތުޕާޓީން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ވަނީ މަސްޖިދުލް އަގްސޯ މިސްކިތް ހިމެނޭ އެ ބަރަކާތް ލެއްވިގެންވާ ބިމުގެ ހުރުމަތް ކަނޑާ އެ ބިމުގެ ވަޒަންވެރިން ގަދަބާރުން އެ ބިމުން ބޭރު ކޮށްލުމަށް ހިންގާ ޖަރީމާތަކަކީ ބައިނަލްއަގުވާމީ މަސްރަހުގައި ހައްލު ނުކުރެވި އެންމެ ގިނަދުވަސްވީ އެންމެ ބޮޑު މައްސަލަ ކަމަށާ، މި ކަމަކީ މެދުއިރުމަތީގެ މަސްލަހަތާ ދުނިޔޭގެ ސުލްހައާ ގުޅިފައިވާ ހައްސާސް މައްސަލައެއް ކަމަށެވެ. އަދި މި ޖަރީމާތައް ހުއްޓުވާ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައު ނުކުޅެދިފައިވާ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި ވަނީ އަލް މަސްޖިދުލް އަގްސޯގައި އަލިފާން ރޯކޮށްލުމާ، މުޅި ދުނިޔޭގައި ކޮވިޑް ފެތުރެމުންދާ މި ދަނޑިވަޅުގައި އަދި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ފަލަސްތީނުގެ ރައްޔިތުން ގެދޮރުން ނެރެލާ، ހަނގުރާމައިގެ ޤާނޫނުތަކަށްވެސް ނުފެތޭގޮތަށް ހައްދުފަހަނައަޅާފައިވާ ހަރުކަށި އަނިޔާވެރި ލާއިންސާނީ އަމަލުތައް ހިންގުމަކީ މުޅި އިސްލާމީ އުންމަތައް މަލާމާތްކޮށް ރުޅިއަރުވާލުމަށް ރާވައިގެން ހިންގާ އަމަލުތަކެއް ކަމަށެވެ.

އެ ޕާޓީން ބުނެފައިވަނީ އިސްރާއީލުގެ މި އަމަލުތައް ހުއްޓުވުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާއެއް ކަމަށާއި އަދި މި އަމަލުތައް ހުއްޓުވުމަށް ގޮވާލާ ކަމަށެވެ. އަދި އެ ޕާޓީއަކީ އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރާ ބައެއް ކަމަށާ ފަލަސްތީނުގެ މުސްލިމު އަހުންނާއި އުހުތުންނަށް ނަސްރު ދެއްވުމަށާ، އަލް މަސްޖިދުލް އަގްސޯ ގެ މިނިވަންކަމަށް އެދި ދުއާކުރުމަށް ދިވެހި ރައްޔިތުންނަށް ހަނދާންކޮށްދޭ ކަމަށްވެސް އެ ޕާޓިން ވަނީ ބުނެފައެވެ.