ދިވެހިރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށް ގިނަ ބަޔަކު ގާބޫލުކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުވާ ފަރާތްތަކުގެ ލިސްޓު އާންމު ކުރި އިރު އެ ލިސްޓުގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ 19ވަނަ މަޖިލީހުގެ 7 މެންބަރުންނަށް ފައިސާ ލިބިފައިވާކަން ހާމަ ވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އެދުމުގެ މަތިން އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ހިއްސާކުރި އެމްއެމްޕީއާރްސީ ހިޔާނާތުގެ ލިސްޓުގައި މެންބަރުންނަށް ލިބުނު އަދަދު ހާމަ ކޮށްފައިއެއް ނުވެއެވެ. ނަމަވެސް މަޖިލީހުން އާއްމުކުރި ލިސްޓުގެ އިތުރުން އެ ލިސްޓުގައި ތިބި މީހުންނަށް ލިބުނުކަމަށް ތުހުމަތު ކުރެވޭ ފައިސާގެ ލިސްޓެއް ވަނީ އާންމު ވެފައެވެ.

ލިސްޓުގައި ހިމެނޭ ޕީޕީއެމް/ޕީއެންސީ މެމްބަރުން:

  • މާވަށު ދާއިރާގެ މުހައްމަދު ސައީދު - 8.3 މިލިއަން ރުފިޔާ
  • ތ. ގުރައިދޫ ދާއިރާ މެންބަރު ޣައްސާން މައުމޫން - 2.5 މިލިއަން ރުފިޔާ
  • ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް - 1 މިލިއަން ރުފިޔާ
  • މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) - 4.5 މިލިއަން ރުފިޔާ
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު ހުސައިން ލަތީފު (ސެމްބެ) - 1.8 މިލިއަން ރުފިޔާ
  • އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް - 26.5 މިލިއަން ރުފިޔާ
  • ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ - 1.4 މިލިއަން ރުފިޔާ

މިހާރު ހިނގަމުންދާ މަޖިިލީހުގައި އިދިކޮޅު ޕީޕީއެމްގެ ޖުމްލަ 9 މެންބަރުން މަޖިލީތުގައި ތިއްބަވާއިރު އޭގެ ތެރެއިން ހިޔާނާތުގެ ފައިސާ ލިބިފައި ނުވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްގެ އިތުރުން ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދަށް އެކަންޏެވެ.

މިއަދު އެ ލިސްޓް އާންމު ކޮށްފައި ވާއިރު އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ 5 އަހަރުގެ ތަންފީޒު ކުރައްވަމުނެވެ. ހިޔާނާތުގެ ފައިސާގެ އެ ލިސްޓުގައި ރައީސް ޔާމީނަށް ޖުމްލަ 678 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ތުހުތު ކޮށްފައި ވެއެވެ. އަދި ރައީސް ޔާމީނުގެ އަބިކަނބަލުން ފާތިމަތު އިބްރާހިމްގެ ނަންވެސް ލިސްޓްގައި ވެއެވެ. އެކަމަނާއަށް 1 ލައްކަ ރުފިޔާ ލިބުނު ކަމަށް އެބައޮތެވެ.

މީގެ އިތުރުން އެ ލިސްޓުގައި ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ގެ ނަން ހިމެނެއެވެ. އަދި ހުޅުމާލެ ދާއިރާގެ އިންތިހާބީ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއުގެ ނަންވެސް ވެއެވެ. ނަމަވެސް އެ ދެ ބޭފުޅުންވެސް ވަނީ އެކަން ދޮގު ކުރައްވާފައެވެ.

  • ހުޅުމާލެ ދާއިރާގެ އިންތިހާބީ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު - 8.6 މިލިއަން ރުފިޔާ
  • ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ފޮނަދޫ ދާއިރާގެ މެނަބަރު އަބްދުއްރަހީމް އަބްދުﷲ - 1.7 މިލިއަން ރުފިޔާ
  • ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް - 23 މިލިއަން ރުފިޔާ

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން ސީދާ ގޮތުންނާއި ނުސީދާ ގޮތުން 281 މީހަކަށް މަންފާ ލިބުނެވެ. މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި 241 ކޮމިޓީ ގުޅިގެން އުފެއްދި ސަބް ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި ވަނީ އެމީހުންނާމެދު 8 ކަމެއް ކުރަން ހުށަހަޅާފައެވެ. އޭގެތެރެއިން އެފަދަ ތުހުމަތުއޮތް މީހުން ތިބި މަގާމުތަކުން ވަކިކުރުން ހިމެނެއެވެ. އަދި އެމީހުންގެ ތެރެއިން އިންތިހާބީ މަގާމުތަކުގައި ތިބި މީހުން ވަކި ކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށް ވާތީ، އެފަދަ ފަރާތްތަކުގެ ތަހުގީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ރިޕޯޓްގައި ވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ގިނައެވެ. އޭގެ ތެރޭގައި ކުރީގެ މަޖިލީސް މެންބަރުން ވެސް ހިމެނެއެވެ.