ރަޝިއާގެ އުފެއްދުމެއް ކަމުގައިވާ "ސްޕަޓްނިކް-ވީ" ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެއްޑް ޑްރަގް އޮތޯރިޓީން މިއަދު ދީފިއެވެ.

މި ވެކްސިން އުފައްދަނީ ރަޝިއާގެ ކުންފުންޏެއް ކަމަށްވާ "ދި ގަމާލޭޔާ ނޭޝަނަލް ސެންޓާ އޮފް އެޕިޑާމަލޮޖީ އެންޑް މައިކްރޯބައޮލޮޖީ" އިންނެވެ. މި ވެކްސިނަކީ މިވަގުތުވެސް ޖުމްލަ 66 ގައުމެއްގައި އެމަޖެންސީ އެޕްރޫވަލް ލިބިގެން ބޭނުން ކުރަމުން ދާ ވެކްސިނެކެވެ. އަދި މި ވެކްސިން ޖެހުމަށް ހުއްދަ ދީފައި ވަނީ އުމުރުން 18 އަހަރުން މައްޗަށެވެ. މި ވެކްސިނަކީ ކޮވިޑް 19 ގެ ހާލަތުގައި ރާއްޖޭގައި ބޭނުން ކުރުމަށް ހުއްދަ ދިން ހަތަރުވަނަ ވެކްސިނެވެ. މީގެ ކުރިން ރާއްޖޭގައި ޖަހަން ފަށާފައި ވަނީ ކޮވިޑްޝީލްޑް ވެކްސިން އާއި، ސިނޯފާމް އަދި ފައިޒާ ވެކްސިނެވެ.

އެމްއެފްޑީއޭ އިން ބުނެފައިވަނީ މި ވެކްސިން ޖެހުމަށް ހުއްދަދީފައި ވަނީ އެ އޮތޯރިޓީން ބަލަން ޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި ފާމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާއެކު އެންމެހާ ލިޔެކިޔުންތައް ފުރިހަ ކުރުމަށް ފަހުގައެވެ. އަދި މި ވެކްސިން ބަންދުކޮށްފައި ބަހައްޓަން ޖެހެނީ މައިނަސް 18 ޑިގްރީ ސެލްސިއަސްގައި ކަމުން ހުއްދަ ދީފައިވާނީ ރާއްޖެ އެތެރެކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާ، ވެކްސިން އެތެރެ ކުރުމުގައްޔާއި އެ ހިފާގެންގުޅުމުގެ މަރުހަލާގަވެސް "ކޯލްޑް ޗެއިން" ބެހެއްތުމަށް ޝަރުތުކޮށްގެން ކަމަށްވެސް އެމްއެފްޑީއޭ އިން ބުނެއެވެ.

މި ވެކްސިނަކީ ވެސް އެހެން ވެކްސިން ފަދައިން ކޮންމެވެސް ވަރެއްގެ ރިއެކްޝަން އެއް އައުމުގެ ފުރުސަތު އޮތް ވެކްސިނަކަށް ވާތީ، ކުރިއެކޭވެސް އެއްފަދައިން ވެކްސިން މީހުންނަށް ޖެހުމަށް ފަހު ކުރިމަތިވެދާނެ ކަންކަން އެ އޮތޯރިޓީއާއި މިނިސްޓްރީ އޮފް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ގުޅިގެން ކުރިޔަށް ގެންދާނެ ކަމުގައިވެސް އެ އޮތޯރިޓީން ބުނެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ޖަހަން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ 1 ގައެވެ. މިހާތަނަށް ވެކްސިންޖެހޭ އާބާދީގެ 70 ޕަސެންޓް މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ.