ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވުމަށް ފަހު، ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީޒް، އެންމެ މަދުވެގެން 8 މަސްދުވަސް ވަންދެން އެ މީހެއްގެ ހަށިގަނޑުގައި ހުންނަ ކަމަށް އިޓަލީވިލާތުން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

އިޓަލީވިލާތުގެ މިލާންގައި ހިންގާ ސޭން ރަފޭއާލް ހޮސްޕިޓަލުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ބަލިޖެހި މީހާގެ ހާލު ސީރިއަސް ވަމުންދާ މިންވަރު ކޮންމެ ގޮތަކަށް ހުރި ކަމުގައި ވީ ނަމަވެސް، އުމުރުން ކޮންމެ ހިސާބެއްގައި ހުރި ކަމުގައި ވީ ނަމަވެސް، އަދި ހަށިގަނޑުގައި އެހެން ބައްޔެއް ހުރި ކަމުގައި ވީ ނަމަވެސް، މިކަން އޮތީ މިހެން ކަމަށެވެ.

އިޓަލީވިލާތުގެ އައިއެސްއެސް ނޭޝަނަލް ހެލްތު އިންސްޓިޓިއުޓްއާއެކު މި ދިރާސާގައި މަސައްކަތް ކުރި ޓީމުން، މައުލޫމާތު އެއްކުރީ، މިދިޔަ އަހަރު އިޓަލީވިލާތަށް ކުރިމަތިލާންޖެހުނު ކޮވިޑް-19ގެ ފުރަތަމަ ރާޅުގައި އެމާޖެންސީ ރޫމުން ފަރުވާ ހޯދި، 162 ޕޭޝަންޓުންގެ ކިބައިންނެވެ. މި ޕޭޝަންޓުންނަކީ ބަލީގެ އަލާމާތްތައްވެސް ހަށިގަނޑުން ފެންނަމުން ދިޔަ ޕޭޝަންޓުންނެވެ.

އައިއެސްއެސްއާ ގުޅިގެން އާންމު ކޮށްފައި ވާ ބަޔާނުގައި ބުނެފައި ވާ ގޮތުގައި، 8 މަސްދުވަހަށް ފަހު، އެންޓިބޮޑީޒް ނެތް ކަމަށް ދެއްކީ އެންމެ 3 ޕޭޝަންޓެއްގެ ސާމްޕަލްތަކުންނެވެ.

ސައެންސް ޖާނަލެއް ކަމަށް ވާ، ނޭޗާ ކޮމިއުނިކޭޝަންސްގައި އާންމު ކޮށްފައި ވާ މި ދިރާސާގައި، ކޮވިޑް-19 ޖެހި ބަލިން ރަނގަޅުވަމުން އަންނަ އިރު، ހަށިގަނޑުން އެންޓިބޮޑީޒް އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. އެގޮތުން ވައިރަހަށް އިންފެކްޓްވާ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ހަށިގަނޑުގައި އެންޓިބޮޑީޒް އުފެއްދުމުގެ މަސައްކަތް ނުފަށައިފިނަމަ، ކޮވިޑް ބަލީގެ ސީރިއަސް ހާލަތަކަށް މަގު ފަހި ކުރުމުގެ ނުރައްކާ ބޮޑު ކަމަށް ދިރާސާގައި ފާހަގަ ކޮށްފައި ވެއެވެ.