މާދަމާ އަކީ ރޯދަ މަހުގެ ފަހު ދުވަސް ކަމަށާއި، މި މަހުގެ 13 ވާ ބުރާސްފަތި ދުވަހަކީ ފިތުރު އީދު ކަމަށް ކަނޑައަޅަފިއެވެ.
އީދުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިރޭ އޮންލައިންކޮށް ބޭއްވި ޖަލްސާގައި ހަނދާ ބެހޭ ބަޔާން އިއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިއަދު އިރުއޮއްސުނު އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް 1442 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ފެނިފައިނުވާކަމަށެވެ.
ރަމަޟާން މަސް ނިމި އީދު ދުވަސް ކައިރިވެފައި ވާއިރު، ރާއްޖޭގެ ކޮވީޑް ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސް ވެފައެވެ. ކޮވިޑާ ގުޅުގެން މިއަހަރުގެ ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތް މާލޭގައި ނުބާއްވާން ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.
އެޗްޕީއޭއިން މިހާރު ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. އެގޮތުން މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމާއި މާދަމާއިން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އެންގުން ހިމެނެއެވެ.
އަދި މާދަމާއިން ފެށިގެން މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލުމާއި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ވަނީ ނިންމާފައެވެ.