ކޮވިޑާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތާނގައި ތިބެ ކެއުން މަނާކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭން) ބުނީ މާދަމާއިން ފެށިގެން މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއުން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޕޮލިސް ޕާމިޓާއެކު މެންދަމު 12 އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ގައިޑްލައިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށެވެ.

ކާބޯތަކެތީގެ ހިދުމަތް ހުއްޓާލއި ޑެލިވަރީ އެކަނި ދެވޭ ގޮތަށް ނިންމާފައި ވާއިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިންތިހާއަށް ދަނީ އިތުރު ވަމުންނެވެ. އިއްޔެ ވެސް ވަނީ 1204 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއާއެކު ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 37،019 އަށް އަރާފައެވެ. އަދި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 10،376 އަށް އަރާފައެވެ. މި ބަލިން 26،547 މީހުން ރަނގަޅު ވެފައި ވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ މީހުންގެ އަދަދު ވަނީ 244 އަށް އަރާފައެވެ. މި ބަލީގައި 87 މީހަކު ވަނީ މަރުވެފައެވެ.