މިއަހަރުގެ ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތް މާލޭގައި ނުބާއްވާން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އެހެން ނިންމާފައިވަނީ ކޮވިޑުގެ ހާލަތު ގޯސްވަމުންދާތީ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އީދު ނަމާދު ޖަމާއަތް ނުބާއްވަން ނިންމާފައިވާއިރު ކޮވިޑް ކޭސްތައް މިހާރު އިތުރުވަމުން ދާތީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ މިސްކިތް ތަކެއްގައި ގައިދުރު ކަމާއެކު ނަމާދު ކުރުމަށް ވަނީ އަންގާފައެވެ.

އޭގެ އިތުރުން މިސްކިތްތަކުގައި ނަމާދުކުރާ އިރު ނޭފަތާއި އަނގަ ނިވާވާ ގޮތަށް މާސް އަޅަން ޖެހޭނެ ކަމަށާއި މިސްކިތްތަކަށް ނަމާދުކުރަންދާ އިރު، އަމިއްލަ މުސައްލަ ގެންދިއުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުން ދާއިރު އިއްޔެ ވެސް ވަނީ 1204 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 37،019 އަށް އަރާފައެވެ. އަދި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 10،376 އަށް އަރާފައެވެ. މި ބަލިން 26،547 މީހުން ރަނގަޅު ވެފައި ވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ މީހުންގެ އަދަދު ވަނީ 244 އަށް އަރާފައެވެ. މި ބަލީގައި 87 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް ގޮސް ކޮންޓްރޯލުން ނައްޓާ ހިސާބަށް ގޮސްފައި ވާއިރު، އެޗްޕީއޭއިން މިހާރު ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

އެގޮތުން މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ވަނީ ކާފިއު އިއުލާން ކޮށްފައެވެ. މި ގަޑީގައި މަގުމައްޗަށް ނުކުތުން ވަނީ އެޗްޕީއޭއިން މަނާ ކޮށްފައެވެ.