މޫސުން ގޯސްވެ ލ އަތޮޅުން ފެށިގެން އައްޑޫސިޓީ އަށް ޔެލޯ އެލާޓް ނެރެފިއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދު މެންދުރު 1 އަކުން ހަވީރު 5 ހަކަށް މޫސުން ގޯސް ވުމުގެ ސަބަބުން ރީނދޫ ސަމާލު ނެރިފައިވާ ކަމަށެވެ. އަދި މި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އިން ބުނެއެވެ.

މީގެ އިތުރުން، މޫސުމާ ބެހޭ އިދާރާއިން މިއަދު ވަނީ ރ. އަތޮޅުން ތ. އަތޮޅަށް ވައިޓް އެލޭޓް ވެސް ނެރެފައެވެ. މިގޮތުން، މިއަދު މެންދުރު 1 އަކުން 5 އަކަށް އެސަރަހައްދުގެ މޫސުން ވެސް ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނެފައިވަނީ މި ވަގުތު މި ސަރަހައްދަށް ބޯކޮށް ވާރެވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައި ޖެހި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓް އިން ބުނެފައިވާ ގޮތުގައި ކުރިޔަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ ކަނޑު ގަދަވާނެއެވެ. އަދި ކަނޑު ދަތުރު ކުރައްވާ ބޭފުޅުން މޫސުމަށް ސަމަލުވުމަށްވެސް މެޓުން އިލްތިމާސް ކުރެެވެ.