އުނި އިތުރު ނުގެނެސް އެމްއެމްޕީއާރްސީގެ ލިސްޓު އާންމު ކުރަން ޖެހޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު އެހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ލިސްޓުގައި ހިމެނޭ ދައުލަތުގެ އެކި މަގާމުތަކުގައި މިހާރު ތިއްބެވި ފަރާތްތައް މަގާމުން ދުރުކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުނި އިތުރު ނުގެނެސް އެމްއެމްޕީއާރްސީގެ ލިސްޓު އާންމު ކުރަން ޖެހޭ ކަމަށާއި ބޭނުން ނަމެއް އިތުރުކޮށް އުނިކޮށް ހެދުން އެއީ ރައްޔިތުން ބަލާގަންނާނެ ކަމެއް ނޫން ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން މޮޑޭ ފުއްގަނޑަކަށް އެމްއެމްޕީއާރްސީގެ ވައްކަން ނުހެދުމަށާއި މަޖިލިސް ވިޔަސް އަދި ސަރުކާރު ވިޔަސް އިސްތިސްނާ ވާކަށް ނުޖެހޭ ކަމަށް ސައީދު ވިދާޅުވިެއެވެ. އަދި އެއީ ސިޔާސީ ޕާޓީގެ ހައްގެއް ނޫން ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުން އެމްއެމްޕީއާރުސީ މައްސަލަ ދިރާސާ ކުރަނީ މަޖިލީހުގެ ޖުޑިޝާރީ ކޮމިޓީ އާއި 241 ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކުންނެވެ. އެ ކޮމިޓީގެ ސަބް ކޮމިޓީއެއް ނަގާ، ހިޔާޔާނާތުގެ ލިސްޓު މިހާރު ދިރާސާ ކުރަމުން ދާއިރު ރޭ ވަނީ ސަބް ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުން މިވަގުތު އެންމެ އިސްކަމެއް ދޭންޖެހޭނީ ސަރުކާރުގެ މަގާމުތަކުގައި މިހާރު ތިއްބެވި މީހުންނަށް ކަމަށާއި، ސަބަބަކީ އެމީހުން މަޤާމުގައި ތިބެގެން ތަހުގީގަށް ނުފޫޒް ފޯރުވުމާއި، ދައުލަތުގެ މިސްރާބު ބަދަލުކުރުމަށް މަސައްކަތްކުރުމުގެ ފުރުސަތު އޮތުމުންކަމަށެވެ

ރައްޔިތުންގެ ހާއްސަ އިންޓަރެސްޓެއް ހުންނާނޭ އެމީހުންގެ މައްޗަށް ބާރު ހިނގާ އެކި އެކި ވެރިންގެ މިސާލަކަށް ވަޒީރުން. ރައްޔިތުންގެ މަޖިލިސް މެމްބަރުން. ފަނޑިޔާރުން. ސަރުކާރުގެ ކުންފުނިތަކުގެ ވެރިން. އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުން. އަދި އޭގެ އިތުރުން މިސާލަކަށް މިކަހަލަ ތަހުގީގަކަށް އިންފުލުއެންސް ކުރެވޭނެ ކަހަލަ މަގާމެއްގައި ޕަބްލިކް ސާވިސްގައި ހުރި މީހެއް ކަމަށް ވަންޏާ.
އީވާ އަބްދުﷲ

އެހެންކަމުން ތަހުގީގީ އިދާރާތަކަށް އެމީހުންގެ މައްޗަށް ދައުވާކުރެވޭނެ ވަރަށް ހެކި ނެތްނަމަވެސް އަދި ދައުވާ ސާބިތު ނުކުރެވުނު ނަމަވެސް އެމީހުން ސަރުކާރުގެ މަގާމުތަކުން ދުރުކުރުމަށް އީވާ ހުށައެޅުއްވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުން ސަރުކާރާއި، މަޖިލީހާއި، ޖުޑީޝަރީއާއި ސަލާމަތީ ބާރުތަކާއި އަމިއްލަ މީހުން ހިމެނޭ ގޮތުން 267 މީހަކަށް މަންފާ ލިބުނު ކަމަށް ރިޕޯޓްތައް ބުނާއިރު އެ މައްސަލައިގައި ހިމެނޭ ފައިސާގެ މުއާމަތާ ގުޅޭ ގޮތުން ޝަރީއަތެއް ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށެވެ. އެ 3 ބޭފުޅުން ވެސް މީހާރު ތިއްބެވީ ގޭ ބަންދުގައެވެ.