އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ބަލަމުންދާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެ ކޮމިޓީގެ ނައިބު މުގައްރިރުގެ މަގާމުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އިސްތިއުފާ ދެއްވައިފިއެވެ.

މިރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އަލީ އާޒިމްގެ ބަދަލުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ 241 ކޮމިޓީއާ ގުޅިވަޑައިގަންނަވާނެ ކަން މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް އަންގާފައިވާ ކަމަށެވެ. އެހެންވީމާ ކޮމިޓީގައި ދެން އަލީ އާޒިމްގެ ބަދަލުގައި އިންނަވާނީ އީވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަލީ އާޒިމް ކޮމިޓީއިން ވަކިވުމާ ގުޅިގެން ނައިބު މުގައްރިރުގެ މަގާމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ އައްޔަން ކޮށްފައެވެ. އެއީ ކޮމިޓީގައި ބައިވެރިވި 13 މެމްބަރުންގެ ވޯޓާ އެކުއެވެ.

އަލީ އާޒިމް ކޮމިޓީއިން އިސްތިއުފާ ދެއްވާފައިވާ އިރު ހިޔާނާތުގެ މައްސަލަ ބަލަމުންދާ ކޮމިޓީއަށް އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި މީހުންގެ ލިސްޓު ލިބިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ލިސްޓުގައި އަލީ އާޒިމްގެ މަސްލަހަތު އޮންނަ ކުންފުންޏެއްގެ ނަން އޮތް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް އާޒިމް އެކަން ދޮގު ކުރައްވައެވެ.

މީގެ ކުރިން އީވާ އަކީ އެ ކޮމެތީގެ މެންބަރެކެވެ. ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ މަސައްކަތްތަކުގައި ބުރަވެދާނެ ކަމަށް ބަލާފަ އީވާ ވަނީ ކޮމިޓީއިން ވަކިވެވަޑައިގެންފައެވެ. އޭނާގެ ބަދަލުގައި އިއްޔެ އެ ކޮމިޓީއަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ އައްޔަން ކޮށްފައެވެ. ނަމަވެސް މިއަދު އަލީ އާޒިމްގެ ބަދަލުގައި އަނެއްކާ ވެސް އީވާ ކޮމިޓީއާ ވަނީ ގުޅިވަޑައިގެންފައެވެ.