ހަތަރު ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތެއް ހިމެނޭ އެމްއެމްޕީއާރުސީގެ މައްސަލައިގައި ސީދާ ބައިވެރިވާ މީހުންނާއި، އެކި ގޮތްގޮތުން މަންފާ ލިބުނު މީހުންގެ ތެރެއިން ތަހުގީގަށް ހުރަސް ނޭޅޭނެ އެންމެންގެ ނަންތައް ހާމަ ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އެމްއެމްޕީއާރުސީގެ މައްސަލަ މަޖިލީހުގައި ބަލާ ސަބް ކޮމެޓީގެ މެންބަރު ހަސަން ލަތީފު ވިދާަޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީ މައްސަލައިގައި ހިމެނޭ މީހުންގެ ނަން ލިސްޓް މަޖިލީހުގެ ކޮމިޓީއަށް ލިބުމާއެކު، އެ ލިސްޓަކީ އަދި ހާމަ ކުރެއްވޭނެ ލިސްޓެއް ނޫން ކަމަށް ހަސަން ވިދާޅުވުމާ ގުޅިގެން ކުރެވެމުންދާ ބަހުސްއާ ބެހޭ ގޮތުން "ދަ ޕްރެސް" އަށް ހަސަން ވިދާޅުވީ، އޭނާ ދެއްކެވި ވާހަކައިގެ ތަޖުޖަމާ ރިޕޯޓު ކުރި ފަރާތްތަކުން ކޮށްފައި އޮތީ މުޅިން ރަނގަޅަށް ނޫންކަމަށެވެ.
ހަސަން ވިދާޅުވީ، އޭނާ ކޮމިޓީގައި ދެންނެވީ "ލިސްޓެއްގައި ނަންތަކެއް، ހުރެގެން އެ ލިބުނު ކަމުގައި ވިޔަސް ވެސް އެ މައުލޫމާތަކީ ހާމަ ކުރެވޭނެ މައުލޫމާތެއް ނޫން" ކަމަށެވެ. އެވާހަކަ ތަފްސީލު ކޮށްދެއްވަމުން އޭނާ ވިދާޅުވީ، އެ ވާހަކަ އަކީ ކޮމިޝަން ތަކުން ފޮނުވި ލިސްޓް އޮތް ގޮތަށް ހާމަ ނުކުރެވޭ ވާހަކަ ކަމަށާއި، އޭނާ ކުރިންވެސް ވިދާޅުވާ ގޮތަށް މިހާރުވެސް ތާއީދު ކުރައްވަނީ ނަންތައް ހާމަ ކުރެއްވުމަށް ކަމަށެވެ.
ހަސަން ވިދާޅުވީ، ތަހުގީގު ނިންމާފައި ހުރި ނަންތައް ހާމަ ކުރައްވާނެ ކަމަށެވެ. އަދި އެއީ ރިކަވަރީ ކޮމިޝަނުންގެ ލިސްޓުގައި ވެސް ތަހުގީގު ނިންމާފައި ކަމަށް ފެންނަން ހުރި ނަންތަކެއް ކަމަށާއި، އެ ނަންތައް ހާމަ ކުރުމުގެ ކުރިން، ތަގީގަށް ހުރަހެއް ނެތްކަން ޔަގީން ކުރައްވާނެ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.
ހަސަން އެހެން ވިދާޅުވެފައި ވާއިރު، އޮކްޓޯބަރު 23، 2019 ގައި މަޖިލީހަށް އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައެއްގައި، ހިޔާނާތާއި މަރުތަކުގެ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކުގެ ނަންތައް ހާމަ ކުރަން އޮތީ ގޮވާލައްވާފައެވެ. އެ މައްސަލައިގެ ފަހުން މިހާރު ސަބް ކޮމިޓީއަށް އެ ލިސްޓު ލިބި ހާމަ ކުރެވެން ނެތް ކަމަށް ހަސަން ވިދާޅުވުމުން، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެފައި ވަނީ ލިސްޓް ހާމަ ކުރުމަށެވެ. އަދި އާންމުންވެސް ގޮވަނީ ލިސްޓް ހާމަ ކުރާށެވެ.
ހަސަން ވިދާޅުވީ، ރޮޒައިނާ އެހެން ވިދާލުވާ އިރު، އެ ލިސްޓުގައި އަދިވެސް ތަހުގީގު ކުރިއަށް ދާ ކަމަށް ފާހަގަ ކޮށްފައި ހުރި ނަންތައްވެސް ހިމެނޭ އިރު، ލިސްޓް އެއްކޮށް ހާމަ ކުރުމަކީ ތަހުގީގަށް ހުރަސް އެޅިދާނެ ކަމެއް ކަމަށެވެ.
އެމްއެމްޕީއާރުސީ މައްސަލައިގައި އެކިއެކި ގޮތްގޮތުން 281 މީހަކަށް މަންފާ ލިބިފައި ވާއިރު، އެންމެންވެސް ބޭނުންވަނީ އެ ލިސްޓް ބަލާލަން ކަމަށާއި އެހެން ކަމާއެކު މަޖިލީހުގެ ކޮމިޓީން މަސައްކަތް ކުރަނީ، މިމަހުގެ މެދެއްހާ ހިސާބަށް ދިރާސާ ކޮށް ނިންމާ ރިޕޯޓާއެކު ހާމަ ކުރެވޭނެ ލިސްޓް ތަޅުމަށް ފޮނުވަން ކަމަށެވެ.