ބ. އޭދަފުށީގައި މަރުވެގެން ހޮސްޕިޓަލަށް ގެންދިޔަ އުމުރުން ދުވަސްވީ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އޭދަފުށީ ކައުންސިލުން ބުނީ އެ މީހާ އަކީ އުމުރުން 85 އަހަރުގެ މީހެއް ކަމަށެވެ. އެ މީހާ މަރުވެފައި ވާއިރު އެ ގޭގައި ކޮވިޑަށް ޕޮޒިޓިވް މީހަކު ކަރަންޓީންގައި ހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް ފެތުރި އޭދަފުށި މޮނިޓަރިންއަށް ލާފައި ވާއިރު އެ ރަށުގައި 29ގެ ކަރަންޓީން ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭދަފުށިން މީހަކު މަރުވި ފަހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު އެއީ ކޮވިޑް މަރެއް ކަމެއް އެޗްޕީއޭއިން އަދި ހާމަކޮށްފައެެއް ނުވެއެވެ.

ރޭ ފަތިހުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންދިޔަ މީހަކު މަރުވެފައެވެ. ރޭ ފަތިހު އުމުރުން 75 އަހަރުގެ ދިވެހި އަންހެނަކު ކޮވިޑުގައި މަރުވެފައިވާ ކަމަށެވެ. އެ މީހާއަކީ މަރުވެފައި ވަނީ އައިޖީއެމްއެޗް އެމަޖެންސީ ރޫމަށް ގެނައިފަހުން 4:00 ހާއިރު ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.

މިއީ މިދިޔަ 24 ގަޑިއިރު ތެރޭ އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެނައިފަހުން މަރުވި ދެވަނަ މީހާއެވެ. އިއްޔެ މަރުވެފައި ވަނީ އުމުރުން 51 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ފަހުން މަރުވި މީހުންގެ އަދަދު 85 އަށް އަރާފައި ވާއިރު، މިމަހު 7 ވަނަ ދުވަހު ކޮވިޑުގައި ތިން މީހަކު މަރުވެފައިވާއިރު މިމަހު 6 ވަނަ ދުވަހު 7 މީހުން މިބަލީގައި ވަނީ މަރުވެފައެވެ.