ކުޑަ ކުއްޖަކު ގްރޫމްކޮށް ގެސްޓްހައުސެއްގައި ޖިންސީ އަމަލެއް ހިންގި ސިފައިންގެ މީހަކު ހައްޔަރުކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުޅޫމާތު ދެމުން ފުލުހުން ބުނީ ހދ. ކުޅުދުއްފުށީގައި ގެސްޓްހައުސެއްގައި ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިނގި ކަމުގެ ތުހުމަތުގައި ރޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ސިފައިންގެ މީހެކެވެ. އެ މީހާ ހައްޔަރު ކޮށްފައި ވަނީ ގެސްޓްހައުއެސްގައި ސިފައިންގެ މީހާއާއި ކުޑަކުއްޖަކު ތިބިކަން އެނގިގެން ގިނަ އަދަދެއްގެ ބަޔަކު ގެސްޓްހައުސް ކައިރިއަށް އެއްވެ، އަޑުގަދަކުރުމުންނެވެ. ސިފައިންގެ މީހާ ގެސްޓްހައުސް އިން ނެރުނީ ރޭ މެންދަމު ކަމަށްވެސް މައުލޫމާތު ދެއެވެ.

އެ މައްސަލާގައި އެ ރަށު މީހުން ރޭ އިހްތިޖާޖު ކޮށްފައި ވަނީ އެ ކުއްޖާ ގްރޫމްކޮށް ގެސްޓްހައުސަށް ގެންދިޔަ މައްސަލާގައި ކަމަށް މައުލޫމާތު ލިބެއެވެ.

ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ މައްސަލަތަކެކެވެ. އެހެންކަމުން ކުއްޖާގެ ކަރާމާތް ރައްކާތެރި ކުރުމަށް ކުއްޖާގެ ވަނަވަރު ނުވަތަ ކުއްޖާގެ ރަށާއި އަތޮޅު އަދި މައްސލަަ ހުށަހަޅާ ރަށާއި އަތޮޅު ފުލުހުން އާންމެއް ނުކުރާނެއެވެ. މިފަދަ މައްސަލަތަކުގައި ވަނަވަރު އާންމު ކުރުމަކީ ކުށެކެވެ.

ކުޑަ ކުއްޖަކު ގްރޫމް ކުރުން ނުވަތަ ކުށްތަކަށް އަރައިގަތުމަށް ތައްޔާރު ކުރި މައްސަލައެއް އަނެއްކާވެސް ފެންމަތިވެފައިވާއިރު، މި އަހަރު ޖަނަވަރީ މަހުވެސް ވަނީ މިފަދަ މައްސަލައެއްގައި ދެ މީހަކު ހައްޔަރު ކޮށްފައެވެ. އިންޓަނެޓް މެދުވެރިކޮށް ކުދިން ގްރޫމް ކުރުމަކީ ރާއްޖޭގައި މިހާރު ކުރާ ކަމެކެވެ. މިކަމަށް ސަމާލުވެ، ބެލެނިވެރިން ކުދިން ރައްކާތެރި ކުރުމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ ގޮވާލައްވާފައެވެ.

ޖެންޑާ މިނިސްޓަރު ވަނީ، މެދުވެރިކޮށް ކުދިން ގްރޫމް ކުރުވުން ފަދަ ކަމެއް ހިނގާކަމުގެ ޝައްކެއްވާނަމަ އަވަހަށް އެކަން ފުލުހަށް ރިޕޯޓް ކުުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އިންޓަނެޓުގެ ޒަރިއްޔާއިން ކުށެއް ނެތް މައުސޫމް ކުދިންނަށް ވެސް މިފަދަ ކަންކަން ދިމާވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.