ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅާ ކައިރީގައި އެއްޗެއް ގޮއްވާލާ ދިން ބޮމުގެ ހަމަލާގައި، ބޮން ގޮއްވާލިކަމަށް ތުހުމަތު ކުރެވޭ އެންމެ އިސް މީހާގެ ގޮތުގައި މިއަދު ހައްޔަރުކުރީ ވ. ތިނަދޫ، އަށް އުފަން އަހްމަދު އަދުހަމް ކަން "ދަ ޕްރެސް" އަށް އެނގިއްޖެއެވެ.
" ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަދުހަމް ތިނަދޫއަށް އުފަންވި ނަމަވެސް އޭނާ ވަރަށް ކުޑައިރު ވަނީ މާލެ ބަދަލުވެފައެވެ. އަދި ތިނަދޫއަށް ނުދާތާ މިހާރު 15 ވަރަކަށް އަހަރު ވެދާނެ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.
ފުލުހުން އަދި އަދުހަމްގެ ވަނަވަރު ހިއްސާކޮށްފައެއް ނުވެއެވެ.
އަދުހަމް ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ މިއަދު ހެނދުނު 7:00 ހާއިރު ހުޅުމާލެ ފުލެޓު 95G02 އިންނެވެ.
ފުލުހުން ބުނެފައި ވަނީ މިއަދު ހެނދުނު ހައްޔަރުކުރި މީހާއަކީ ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ބޮން ގޮއްވާލި ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަން އިއުލާންކުރި މީހާއެވެ. އޭނާއަކީ އެ ހަމަލާ ދިން ވަގުތު "އަތަމާ ޕެލަސް" ކުރިމަތީގައި ހުރި މީހާއެވެ.
އެ ހަމަލާއާ ގުޅިގެން އިއްޔެ ވެސް ވަނީ އިތުރު 2 މީހުން ހައްޔަރުކޮށް އެ މީހުންގެ ވަނަވަރު ހާމަ ކޮށްފައެވެ.
ހައްޔަރު ކުރި ދެ މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21 އ އާއި ތަހުމީން އަހުމަދު ފޮޅޭމާ/ގއ ކޮނޑޭ، 32 އ އެވެ. މީގެ ތެރެއިން މުޖާޒަކީ އެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އާއި ސީދާ ގުޅުމެއް އޮތް މީހެއް ކަމަށް އޭސިޕީ ރިޔާޒު ވިދާޅުވިއެވެ.