ރާއްޖޭގައި ހުރިހާ ވެރިން އެއް ރަސްމިއްޔާތަކުން ނުފެނުނަސް ރައީސްކަން ކުރެއްވި 4 ބޭފުޅަކު އެބަތިއްބެވިއެވެ. އެއީ، 30 އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާ މެންބަރު އަދި މިހާރު ހިނގަމުން ދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނަޝީދުގެ ނައިބު ރައީސަކަށް ހުންނަވާ، ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަމަށް ވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ އިތުރުން ކުރީގެ ރައީސް މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނެވެ.
އެ ހަތަރު ބޭފުޅުންގެ ތެރެއިންވެސް ހަމަލާއެއް ނުވަތަ "މަރުގެ އެތިފަހަރެއް" އަމާޒު ނުވެ ހުންނެވީ ހަމައެކަނި ރައީސް ވަހީދެވެ. ދުނިޔޭގެ އެހެން ގައުމު ތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް ވެރިކަން ކުރާ މީހުންނަށާއި ވެރިކަން ކުރުމަށް ފަހު ދައުރު ނިމޭ ބޭފުޅުންނަށް ހިމާޔަތް ދޭން ލާޒިމުކޮށް ގާނޫނެއް ހަދާފައި އޮވެއެވެ. އެފެދަ ފަރާތްތަކަށް ފާރަވެރިވާނެ މީހުން ގިނަވާނެކަން ޔަގީން ވާތީއެވެ. ނުރުހުމުގެ ލޯ އަމާޒުވާ ކިތަންމެ މީހަކު ހުންނާނެކަން ޔަގީން ވާތީއެވެ. ނަމަވެސް ހިތާމަ އަކީ ބައެއް ބޭފުޅުންނަށް މަރާ ހަނގުރާމަ ކުރަން ޖެހޭ ހާލަތްތަކާވެސް ކުރިމަތިލާން ޖެހިފައި ވާތީއެވެ.
ރައީސް މައުމޫނަށް ދިން ވަޅީގެ ހަމަލާ
2008 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 08 ވަނަ ދުވަހު ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ހއ. ހޯރަފުށްޓަށް، ރައީސް މައުމޫން އަބްދުލްގައްޔޫމް ދަތުރުފުޅެއް ކުރެއްވިއެވެ. އެ ދަތުރުފުޅުގައި އެ މަނިކުފާނަށް މަރުހަބާ ކިޔުމަށްޓަކައި ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް ނުކުތެވެ. މައުމޫން ރަށަށް ފައިބެވަޑައިގެން އާންމުންނާ ސަލާމް ކުރައްވަނިކޮށް މީހަކު ނުކުމެ ވަނީ ވަޅިން ހަމަލާދޭން އުޅެފައެވެ.
ނަމަވެސް އެކަން ނާކާމިޔާބު ވެފައި ނުވަނީ އެ ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވި ސްކައުޓް ކުއްޖެއްގެ ހުށިޔާރުކަމުންނެވެ. އުމުރުން 16 އަހަރުގެ ޖައިޝަމް އިބްރާހިމްގެ ހިތްވަރުންނެވެ. ހޯރަފުށިން ރައީސް މައުމޫނަށް މަރުހަބާ ކިޔުމަށް އެއްވެ ތިބި މީހުންނާއި އެމަނިކުފާނު ސަލާމް ކުރައްވަމުން ގެންދަވަނިކޮށް ހަމަލާދޭން މަސައްކަތް ކޮށްފައި ވަނީ އެ ރަށު ކިނާރާ ހައުސް، މުހައްމަދު މުރުޝިދެވެ.
މުރުޝިދު ވަޅިން ހަމަލާދިނުމަށް އުޅުމުން ޖައިޝަމް ވަނީ ވަޅީގައި އަތުން ހިފަހައްޓައި އެ ހަމަލާ ނާކާމިޔާބު ކޮށްލާފައެވެ. އެ ހަމަލާގައި ޖައިޝަމްގެ ވާއަތް ޒަހަމްވިއެވެ. ރައީސް މައުމޫނަށް ދޭން އުޅުނު އެ ހަމަލާގައި އެ މަނިކުފާނުގެ ބަނޑުފުޅުން ތެޔޮހަން ދިޔަ ނަމަވެސް އިތުރު އަނިޔާއެއް ލިބިވަޑައެއް ނުގަންނަވައެވެ.
އެ ހަމަލާއާ ގުޅިގެން މުރުޝިދުގެ އިތުރުން ހޯރަފުށިން ހަތަރު މީހަކު އޭރު ހައްޔަރުކުރި ނަމަވެސް ފަހުން އެ މައްސަލާގައި މުރުޝިދު ވަނީ ކުށަށް އިއުތިރާފް ވެފައެވެ. އަދި ޝަރީއަތުން އޭނާ ޖަލަށްލިއެވެ.
ރައީސް ޔާމީނަށް ދިން ހަމަލާ: "ފިނިފެންމާ ލޯންޗު" ގޮއްވާލުން
މިފަދަ ދެވަނަ ހަމަލާއެއް އަމާޒުވެފައި ވަނީ ރައީސް މައުމޫނުގެ ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 28 ގައި ރައީސް ޔާމީންގެ ދެކަނބަލުން ހުޅުލޭ އެއާޕޯޓުން މާލެ އަށް ދަތުރުކުރެއްވި "ފިނިފެންމާ" ލޯންޗުކޮޅު މާލޭ ފަޅަށް ވަދެ، ރަސްމީ ފާލަމާ ކައިރި ކުރަނިކޮށް، އޭގައި އެއްޗެއް ގޮއްވާލީއެވެ. ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފަހު، ޔާމީންގެ ދެކަނބަލުން ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް (ބޮމެއް) ގޮއްވާލި އެ ހާދިސާގައި މެޑަމް ފާތުމަތު އިބްރާހިމަށް އަނިޔާތަކެއް ލިބިވަޑައިގެންނެވިއެވެ. ނަމަވެސް ރައީސް ޔާމީން ވަނީ އަނިޔާއެއް ނުލިބި ސަލާމަތް ވެ ވަޑައިގެންފައެވެ.
އެ ޓެރަރިސްޓް ހަމަލާގެ ބޮޑު ތުހުމަތު ފުރަތަމަވެސް އަމާޒުވީ އޭރުގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށެވެ. ސަބަބަކަށް ވީ، އެ ހަމަލާ ރޭވާ ހިންގުމުގައި އަދީބުގެ ބައިވެރިވުން އޮތް ކަމަށް އިންޓަލިޖެންސް ރިޕޯޓުރައް ހުރުމެވެ. ރައީސް ޔާމީނު ވަޑައިގަންތަނަށް ލައްޕަވަން ވަޑައި ނުގަންނަވާ ބޭފުޅުންގެ ތެރޭގައި އަދީބު ހިމެނުމެވެ. އަދި އޭރު ސިޔާސީ ބާރުވެރިކަން ހޯއްދެވުމަށް އަދީބު މައްސަކަތް ކުރެއްވި އިރު އަދީބާ ބައިވެރިވެވަޑައިގެންނެވި ސިޔާސީ އެހެން ބޭފުޅުން (ޕީޕީއެމް އަށް ނިސްބަތްވާ) ވެސް ޔާމީން ލައްޕާކަށް ވަޑައެއް ނުގަންނަވައެވެ.
އެހާދިސާގެ ތަހުހީގު ނިންމާ ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި 15 އަހަރުގެ ޖަލު ހުކުމެއްވެސް އަދީބަށް އިއްވިއެވެ. ނަމަވެސް އެ ހުކުމް އިސްތިއުނާފުގެ މަރުހަލާގައި ސުޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފައެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޓެރަރިސްޓު ހަމަލާއެއް ވަނީ ދީފައެވެ. ބޮމެއް ގޮއްވާލީއެވެ. އެ ހާދިސާ ހިނގާފައި ވަނީ ރައީސް ނަޝިދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން ނީލޯފަރު ހިނގުމުން އެމަނިކުފާނުގެ ބޮޑީގާޑުންނާ އެކީގައި މަޖިދީ މަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ.
އެ ހާދިސާގައި އެމަނިކުފާނުގެ ފުރާނަފުޅު ނުދިޔައީ ކިރިޔާއެވެ. ވެފައިވާ އަނިޔާތަކުގެ ތެރޭގައި ހިތްޕުޅާ ދިމާއަށް ވަދެފައި ހުރި ރޭޒާ ފުއް ވަދެފައި ހުރީ ފުއްޕާމޭ ފޫއަޅާފައެވެ. ހިތްޕުޅަށް ނުވަދެ ހުރީ ކަށިގަނޑެއްގައި ޖެހުމުން ކަމަށް ނަޝީދަށް ފަރުވާ ދޭ އޭޑީކޭއިން ވަނީ ބުނެފައެވެ. އަދި އެ ކަށިގަނޑު ވަނީ ފުނޑިފައި ކަމަށާއި އެ ކަށިގަނޑުން 1 ސެންޓިމީޓަރު ތިރިޔަށް ރޭޒާފުއް ޖެހުނު ނަމަވެސް ހިތްޕުޅުގެ ތެރެއަށް ރޭޒާފުއް ވަންނާނެ ކަމަށް ކަށީގެ ޑޮކްޓަރު ޑރ. ހުސައިން ޝަކީލް ވަނީ ވދާޅުވިއެވެ. ޑރ. ޝަކީލް އިތުރަށް ވިދާޅުވެފައި ވަނީ ހަށިކޮޅުގެ ތެރެއަށް ރޭޒާފުއް ތައް ވަދެފައި ވަނީ ވާތްޕުޅު ފަރާތުން ކަމަށާއި ރޭޒާފުއް ވަދެފައި ވާ އިރު ފުއްޕާ މޭ ފޫއަޅާ ގޮސް ޖެހިފައި އިން ކަށިގަނޑު ހަލާކުވެ ކަށިގަނޑުގެ އެތިކޮޅުތައް ފުއްޕާމެއަށް ހެރިފައި ހުރި ކަމަށެވެ.
ނަޝީދުއަށް ލިބިވަޑައިގެންފައިވާ އިތުރު އަނިޔާތަކުގެ ތެރޭގައި ފަލަ ގޮހޮރުގެ 2 ތަނަކުން ލޯވަޅު އެޅިފައިވާ ކަމަށާއި، އަދި މައިދާވެސް ފޫއަޅާފައި ވާކަމަށް ޑރ. ވިދާޅުވިއެވެ. މީގެ އިތުރުން ރޭޒާފުއް ވާއަތްޕުޅުގެ އުޅަނބޮށި ހުޅާއި އަދި ވާއަތްޕުޅު ފައިގެ ކަކުލު ހުޅާ ދިމާލަށް ވަނީ ވަދެފައެވެ. އޭގެ އިތުރުން ހަށިކޮޅުގެ 8 ދިމާއަކަށް ރޭޒާފުއް ވަދެ ޒަހަމްވެފައި ވާކަމަށް ޑޮކްޓަރުން ވަނީ ހާމަކުރައްވާފައެވެ.
ރައީސަކަށް އެފަދަ އަނިޔާއެއް ލިބޭފަދަ ހަމަލާއެއް އަމާޒުވެފައި ވާއިރު ފުލުހުން ބުނެފައި ވަނީ އެ މައްސަލަ އާ ގުޅުން ހުރި ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ވަނީ އެ މައްސަލައިގައި 3 މީހަކު ހައްޔަރުވެސް ކޮށްފައެވެ. ހައްޔަރު ކުރި 3 މީހުންގެ ވަނަވަރާއި ފޮޓޯވެސް ވަނީ އާންމު ކޮށްފައެވެ. ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، މި މައްސަލައިގައި ހައްޔަރު ކުރި 3 މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21 އ އާއި ތަހުމީން އަހުމަދު ފޮޅޭމާ/ގއ ކޮނޑޭ، 32 އ އާއި ބޮން ގޮއްވާލި މޭސްތިރިޔާ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދުހަމް 25 އ ކަމަށެވެ. މީގެ ތެރެއިން މުޖާޒަކީ އެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އާ ސީދާ ގުޅުމެއް އޮތް މީހެއް ކަމަށް އޭސީޕީ ރިޔާޒު ވިދާޅުވިއެވެ.
ހިމާޔަތް ދޭން ބުނާ ގާނޫނު
"ރައީސްކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނު" (ގާނޫނު ނަންބަރު 9/2009)ގެ 5 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައީސްކަން ކޮށްފައިވާ މީހަކާއި، އެމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް، ރައީސްކަމުގެ މަގާމު އަދާކޮށްފައިވާ މީހަކަށް އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ހިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައި ދޭން ޖެހެއެވެ. އަދި މިކަމުގައި އަމަލުކުރާނޭ އުސޫލުތައް ކަނޑައެޅުމުގައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ލަފާ ހޯދަންވެސް ޖެހެއެވެ.
ރާއްޖޭގައި އާންމުންގެ ތެރޭގައި، ސަލާމަތީ ބާރުތަކުގެ އިންޓަލިޖެންސަށް ހިލަމެއްވެސް ނުވެ ހައި ޕްރޮފައިލް ބޭފުޅުންގެ ފުރާނަ ދުއްވާލަން ހަމަލާ ދޭ އިރު އުފެދޭ ސުވާލަކީ ތިޔަ ދެނީ ކޮންކަހަލަ ސެކިއުރިޓީއެއްތޯއެވެ؟ އަބަދާއި އަބަދު އިންޓަލިޖެންސް އެއްކުރާ ކަމަށް ބުނާ އިރު، ކަމެއް ވާ ވަފަރު އެ އިންތަލިޖެންސް ފެންނަން ނޯންނަނީ ކީއްވެހެއްޔެވެ؟ ވެރި މީހާގެ ކުރިފުޅުމަތިންނާއި ފަހަތްޕުޅުން ސެކިޔުރިޓީ ދާއިރު، އެދޭތެރެ މެދަށް އާންމުން މީހަކަށް ވަދެވެނީ ކީއްވެގެންތޯއެވެ؟ ހަރުކައްޓަކަސް އަދި މަޑުކައްޓަކަސް ހަމަލާ ދީފާނެ ފަދަ އެތައް ހާސްބަޔަކު ތިބިކަން އެނގޭ އިރު ފިޔަވަޅު ނާޅާ ތިބެނީ ކީއްވެތޯއެވެ؟ ކަމެއް ހިންގާލީމައި ދެން މުޅި މާލެއާއި އެކަމެއް ހިނގި ސަރަހައްދެއް ބަންދުކޮށް އާންމު ރައްޔިތަކަށް ފިޔަވަޅެއްވެސް އެޅިޔަ ނުދެނީ ހިފަހައްޓާ އިރު، އެ ގާނޫނޫން ލާޒިމު ކުރާ ސެކިއުރިޓީ ފޯރުކޮށްދެނީ ރަނގަޅަށްތޯ ބަލާ އޯވަސީ ކުރާނެ އިދާރާއެއް ނުވަތަ ބައެއް ހަމަޖައްސާކަށް ނުވޭތޯއެވެ؟.
ނަޝީދު ނޫން މީހަކަށް ޙަމަލާ ދިނީމާ އެ ޙަމަލައަކަށް ރީނދޫ ޚިޔާލީ ފޮލާ ނޫން އެއްޗެއް ނޫން ކޮން ކަމެއް؟
ވަށައިގެން ތިބި ބޮޑީގާޑުން ގަޔަށް އެއްވެސް ރޭޒާ ފުކެއް ނާރާ އަންނިގެ ގައިގެ ހުރިހާ ތަނަކަށް ރޭޒާފުށްތައް އެޅުނު ހަމަލާވަރުގެ ޓެރަރިސްޓު ޙަމަލާއެއް ދިވެހި ތާރީޚު ނުދެކޭ ކަމަށް ރައީސް ސޯލިހު ބުނިއިރު މީނާގެ ބަފާބެ އިސްވެ ހުރެ ދިން ނޮވެމްބަރ 3ގެ ޢުދްވާނުގައި ވަނީ 19 ދިވެހިން ޝަހީދުކޮށް ލާފައި.
މައުމޫނަށް ދިން ހަމަލާ އާއި ޔާމީނަށް ދިން ހަމަލާއަކީ ކުޅެފައިވާ ޑްރާމާތަކެއްކަން ވަރަށް ސާފު. ވަޅީގެ ހަމަލާއޭ ބުނާއިރު މައުމޫނަށް އެއްވެސް ގެއްލުމެއް ނުލިބޭ. ޔާމީނު ލޯންޗްގައި އެއްޗެއް ގޮއްވާލީމާ ދުންތަކެއް އެރުން ފިޔަވާ، ދެން މުޅިންވެސް އިވުނީ ޚިޔާލީ ވާހަކަ. ނައިބްރައީސް އަދީބު ޖަލަށްލާން ޔާމީނު ކުޅެލި ޑްރާމާއެއް އެއީ.
މެޑަމް ފާތުން އެއްމަސް ވަންދެން ބެޑްރެސްޓް ގަ އޮންނެވި ލިބުނު ގެއްލުމުގެސަބަބުން މޑޕ އަށްގޮސް ހުސްވިޔަސް ހަގީގަތައް ވާހަކަދައްކާ
ރައީސް މައުމޫނާއި ރައީސް ޔާމީން އަށް ދެވުނު ހަމަލާއަކީ އެނޫންގޮތެއް ދިވެހިރައްޔިތުންނަށް ނެތިގެން ކުރިކަމެއްގެގޮތަށް ސިފަކޮށް ހިއްވަރުދިނީ މިހާރުގެ އަގެއްނެތް ވެރިން. އަދި އެހަމަލާތައްދިން މީހުންނަކީ ބަތަލުންކަމަށް ވަކާލާތުކޮށް އެމީހުން މިނިވަންކުރީވެސް މިހާރުގެ އަގެއްނެތް ވެރިން.