ރައީސް ނަޝީދުގެ ހާލުކޮޅު މިހާރު ރަނގަޅު ކަމަށާއި ލައިފްސަޕޯޓް މެޝިނުން މިހާރު ނަގައިފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ. އާއިލާއިން މައުލޫމާތު ބުނެފައި ވަނީ ރައީސް ނަޝީދު ރަނގަޅުވަމުން އަންނަ ވަރާ މެދު ޑޮކްޓަރުން ހިމްހަމަޖެހޭ ކަމަށެވެ.

ނަޝީދުގެ ބޭބެ ޑރ. އިބްރާހީމް ނާޝިދު ކުރެއްވި ޓްވީޓެއްގައި ވަނީ، ރައީސް ނަޝީދު ލައިފްސަޕޯޓް މެޝިނުން ނެގުމުން ކޮންމެވެސް ވަރަކަށް ވާހަކަ ދައްކަވާފައި ވާ ކަމަށާއި ކުރިއަށް ވުރެ "ވަރުގަދަކޮށް އަންނާނެކަމަށް" ވިދާޅުވެފައި ވާ ކަމަށެވެ.

ހަމަލާގައި ރައީސް ނަޝީދަށް ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އޭޑީކޭއިން ބުނެފައިވާ ގޮތުގައި ނަޝީދުގެ ބޮލަށާއި، މެޔަށް، ބަނޑަށް އަދި އަތަށާއި ފަޔަށް ވަނީ ގެއްލުންތައް ވެފަ އެވެ. އަދި އައިއީޑީ ގޮވުމުގާ ބުރައިގެން ދިޔަ ގިނަ އަދަދެއްގެ އެތިކޮޅުތައް އެ މަނިކުފާނުގެ ހަށިކޮޅަށް ވަދެފައިވާތީ އެ އެއްޗިހި ނެގުމަށް ގިނަ ސާޖަރީތަކެއް ހަދާފައި ވާކަމަށާ، އެކަމަށް 16 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވެފައިވާ ކަމަށްވެސް އޭޑީކޭއިން ވަނީ ހާމަކޮށްފައެވެ.

ރައީސް ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް އެމަނިކުފާނުގެ މަންމާފުޅާއި ބައްޕާފުޅުވެސް ވަނީ މިއަދު އެމަނިކުފާނަށް ޒިޔާރަތްކޮށްފައެވެ.

ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއް ފުލުހުން ދަނީ ހިންގަމުންނެވެ. މި އޮޕަރޭޝަނުގައި މިހާތަނަށް 2 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން އިއްޔެ ބުނެފައި ވަނީ މި ހަމަލާގައި ޝައްކުކުރެވޭ 4 މީހެއް ފާހަގަ ކުރެވިފައި ވާ ކަމަށާއި އެމީހުންނަށް ފާރަލަމުންދާ ކަމަށެވެ.