ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް އައްޑޫ އާއި ފުވައްމުލަކުގައި ކާފިއު އިއުލާނު ކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ އައްޑޫ އަދި ފުވައްމުލަކުގައި ކާފިއު ހިންގުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

އެގޮތުން މިރޭ 9 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނިކުތުން މަނާކޮށްފައެވެ.

ކާފިއުގެ އިތުރުން ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ވެސް ވަނީ ހުއްޓާލުމަށް އަންގާފައެވެ.

އޭގެ އިތުރުން އައްޑޫ އަދި ފުވައްމުލަކު ސިޓީގައި ވެސް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާ، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާންގައި އެއްވެ އުޅުން ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އެޗްޕީއޭއިން ވަނީ ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަނާއި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ވެސް ހުއްޓާލުމަށް އަންގާފައެވެ. އަދި ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުމަށް ވެސް ވަނީ އަންގާފައެވެ.

އޭގެ އިތުރުން ފިރާތަކުން ހިދުމަތް ދޭއިރު، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ފިހާރަތަކުގެ ހިދުމަތް ދިނުމަށާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓާލުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

ހަމައެހެންމެ ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓާލުމަށް ވެސް އަންގާފައެވެ. މީގެ ތެރޭގައި، ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތެއް ނުހިމެނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.