ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ނީލޯފަރުމަގުގައި ބާރުގަދަ އެއްޗެއް ގޮވާ ރައީސް ނަޝީދަށް ލިބުނު އަނިޔާ އަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.
އަދި އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން ދާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހުގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ދަނީ ދިވެހި ފުލުހުންނާއި، ސިފައިން ތަހުގީގު ކުރަމުން ކަމަށް ވެސް މަބްރޫކު ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލު ކުރައްވާނެ ކަމަށް ވެސް މަބްރޫކު ވަނީ ވިދާޅުވެފައެވެ.
އެއްޗެއް ގޮއްވާލާފައި ވަނީ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަތް ވަގުތެވެ. އެ ސަރަހައްދުގައި އާންމުންގެ ގިނަ ބަޔަކު އެއްވެފައި ވާއިރު މިހާރު އެ ސަރަހައްދުގައި ދަނީ ފުލުހުންނާއި ސިފައިން ހަރަކާތްތެރި ވަމުންނެވެ.
މި ހާދިސާގެ ސަބަބުން ރައީސް ނަޝީދުގެ މޫނަށް އަނިޔާ ލިބިފައި ވާއިރު ސާޖަރީއެއް އޭޑީކޭގައި ދަނީ ފަރުވާ ދެމުންނެވެ.