ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހަށިކޮޅަށް އަމާޒުކޮށްދިން ހަމަލާގެ ހަގީގަތް ހޯދުމަށް އަވަސް ތަހުގީގެއް ހިންގުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާ ތަކަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނީ ރައީސް ނަޝީދުގެ ގެ ކޮޅު ކައިރިން ކާރުކޮޅަށް އެމަނިކުފާނު އަރާވަޑައިގަންނަވަނިކޮށް އެ ސަރަހައްދުގައި ކާރުކޮޅު ކައިރިން އެއްޗެއް ގޮވާ އެމަނިކުފާނަށް އަނިޔާ ލިބިވަޑައިގެންނެވި ހަބަރު އެކޯލިޝަންގެ ފަރާތުން އެހީ ކުއްލި ހައިރާން ކަމާ އެކުގަ ކަމަށެވެ.
އޭގެ އިތުރުން ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އާ، އެ ކޯލިޝަންގެ ލީޑާޝިޕާއި، ކައުންސިލާ، ސްޓިއަރިން ކޮމިޓީތަކާ އާންމު މެންބަރުންގެ ފަރާތުން ހަމްދަރުދީ ފާޅުކޮށް، އެމަނިކުފާނަށް އަމާޒުކޮށް ދީފައިވާ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް އިދިކޮޅުނ ވަނީ ބުނެފައެވެ.
އިދިކޮޅުން ވަނީ އަމަލު ރާވާ ހިންގުމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތައް ހޯދާ ގާނޫނުގެ ކުރިމައްޗަށް ގެނެސް ގާނޫނުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ވެސް ގޮވާލާފައެވެ.
އެއްޗެއް ގޮއްވާލާފައި ވަނީ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަތް ވަގުތެވެ. އެ ސަރަހއްދުގައި އާންމުންގެ ގިނަ ބަޔަކު އެއްވެފައި ވާއިރު މިހާރު އެ ސަރަހައްދުގައި ދަނީ ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގެ ސަބަބުން ރައީސް ނަޝީދުގެ ލޮލަށް އަނިޔާލިބިފައިވާއިރު ސާޖަރީއެއް ހެދަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.