ކޮވިޑްގެ ހާލަތު ގޯސްވެ ބަލިމީހުންނަށް ފަރުވާ ދޭނެ ޑޮކްޓަރުން އިންޑިއާއިން ހޯދަން ކުރި އިއުލާނު ދޫކޮށްލައްވައިފި ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ނަސީމް ވިދާޅުވީ އަވަށްޓެރި ގައުމުތަކުގައި ކޮވިޑުގެ ހާލަތު ގޯސްވެފައި ވާ މި ހާލަތުގައި އެއްވެސް ޑޮކްޓަރަކު ނާންނާނެ ކަމަށާއި އެހެންވެ އެކަން ދޫކޮށްލައްވައިފި ކަމަށެވެ.

ބޭރުން ޑޮކްޓަރުން ގެންނަ ކަންތަކާ ބެހޭ ގޮތުން މިނިސްޓަރު އިތުރަށް ވިދާޅުވީ އެކިއެކި ރެކްރޫޓް އޭޖެންސީތައް މެދުވެރިކޮށް ރާއްޖެ އަންނަ މީހުން އަތުން ސަލާމަތް ނުވާވަރަށް އެ އޭޖެންސީތަކުން ފައިސާ ނަގާފައިވާ ކަމަށާއި، 5 އަހަރު ދުވަހު މަސައްކަތް ކޮށްގެންވެސް އެމީހުން ދަރަނިން ސަލާމަތް ނުވާ ކަމަށެވެ. އަދި އެމީހުން ތިބީ ވަރަށް ނިކަމެތި ހާލުގައި ކަމަށް ފާހަގަ ކުރެއްވިފައި ވާ ކަމަށް ވެސް ނަސީމު ވިދާޅުވެއެވެ.

ހެލްތް ޕްރޮފެޝަނަލުން ހޯދަން އިންޑިއާގެ ނޫހުގައި ޖެހި އިއުލާން (ކ) އަދި ވޮލަންޓިއަރުން ހޯދަން ރާއްޖޭގެ ގެޒެޓުގައި ޖެހި އިއުލާން

ސަރުކާރުން ވަނީ ކޮވިޑް އޮޕަރޭޝަންގައި ބައްޔަށް ޕޮޒިޓިވް ވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ހެލްތް ޕްރޮފެޝަނަލް ވޮލަންޓިއަރުން ހޯދުމަށް ވެސް އިއުލާނު ކޮށްފައެވެ. މިތަނުން ރާއްޖޭގައި ކުރި އިއުލާނުގައި ވަނީ ވޮލަންޓިއާ ކޮށް މަސައްކަތް ކޮށްދޭނެ މީހުން ބޭނުން ވާ ކަމަށް ބުނެފައެވެ. ހެލްތު މިނިސްޓްރީގެ ބޭނުމަށް މިމަހުގެ 15 އަށް މުއްދަތު ހަމަވާ ގޮތަށް އިންޑިއާގެ ނޫހެއްގައި ޖެހި އިއުލާނުގައި އޮތީ ބޮޑު މުސާރައަށް ސިއްހީ ޕްރޮފެޝަނަލުން ހޯދާށެވެ.

މިކަމާ އާންމުން ސަރުކާރަށް ފާޑުކިޔާފައި ވާ އިރު ގިނަ މީހުންގެ ޝަކުވާއަކަށް ވީ، ދިވެހިންވީމައި ވޮލަންޓިއާ ވެފައި ބޭރު މީހުން ވީމައި މުސާރައަށް ގެންނާތީއެވެ.

މިކަންކަމާ ގުޅިގެން، ނޫސްވެރިންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް 2 ދުވަހެއްގެ ތެރޭގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް މިނިސްޓަރު ނަސީމް ވަނީ ވިދާޅުވެފައެވެ.