އިންޑިއާއަށް މިހާރު ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ދެވަނަ ރާޅަކީ، މިއަހަރުގެ މާޗް މަހުގެ ތެރޭގައި އިންޑިއާއިން ފާހަގަވި ކޮރޯނާވައިރަހުގެ އާ ވޭރިއަންޓާ ގުޅިފައިވާ ރާޅަކަށް ވެދާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.
މިއީ އިންޑިއާއަށް ކޮވިޑް-19ގެ ދެވަނަ ރާޅެއް އަރާ، ކާރިސީ ދަރަޖައަށް ގައުމުގެ ހާލަތު ގޮސްފައި ވާއިރު، ވޭރިއަންޓާ އެކަމާ ގުޅުމެއް އޮތް ކަމަށް ސަރުކާރުން އިއުތިރާފުވި ފުރަތަމަ ފަހަރެވެ.
ޑަބަލް މިއުޓަންޓް ނުވަތަ ދެ ގޮތަކަށް ބަދަލުވެފައިވާ (B.1.617) ވޭރިއަންޓް، އިންޑިއާގެ އެކި ސްޓޭޓްތަކުން، ބޮޑެތި އަދަދުތަކުން ފެނިފައި ވާ ކަމަށް ހަބަރު ލިބެއެވެ. އޭގެ ތެރޭގައި މަހާރާޝްތުރާ، ކަރުނާޓަކާ، ވެސްޓް ބެންގޯލް، ގުޖުރާތު އަދި ޗައްތީޝްގަރު ހިމެނެއެވެ.
ކަން މިހެން އޮތް ނަމަވެސް، މި ވޭރިއަންޓާއި ސާޖާ ދެމެދު ސީދާ ގުޅުމެއް އޮތް ކަމަށް އަދިވެސް ކަނޑައެޅިފައި ނުވާ ކަމަށް، އިންޑިއާގެ ނޭޝަނަލް ސެންޓާ ފޮ ޑިޒީޒް ކޮންޓްރޯލްގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.
ވައިރޮލޮޖިސްޓެއް ކަމަށްވާ ޑރ ޝާހިދު ޖަމީލް ވިދާޅުވީ، ވައިރަހުގެ މިއުޓޭޝަންތަކަށް އިންޑިއާއިން ބަލަން ފެށީ އިންތިހާއަށް ލަހުން ކަމަށެވެ. އެގޮތުން ސީކުއަންސް ކުރުމުގެ މަސައްކަތް، އެކަށީގެންވާ ގޮތެއްގައި ފެށީ، މިއަހަރުގެ ފެބުރުއަރީ މަހުގެ މެދަކާ ހިސާބުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާއިން ސީކުއަންސް ކުރަމުން ދަނީ އެންމެ 1 ޕަސެންޓް ސާމްޕަލްއެވެ. ނަމަވެސް، ބަލިމަޑުކަމުގެ އެންމެ ނުރައްކާ ދަރަޖައަށް އިނގިރޭސިވިލާތް ދިޔަ ދުވަސްވަރު، 5-6 ޕަސެންޓް ސާމްޕަލް ސީކުއަންސް ކުރި ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
ކަން މިހެން އޮތްއިރު، 3 ވަނަ ރާޅެއްގެ ރަނގަބީލުވެސް އިންޑިއާގައި ވަނީ ޖަހާފައެވެ. ކޮވިޑްގެ 3 ވަނަ ރާޅަކާ ކުރިމަތި ނުލާ ދިއުން ނާދިރު ކަމުގެ އިންޒާރު ދެއްވާފައި ވަނީ، އިންޑިއާގެ ސަރުކާރަށް ލަފާ އަރުވާ ޕްރިންސިޕަލް ސައެންޓިފް އެޑްވައިޒަރު، ކޭ ވިޖޭ ރާގަވަންއެވެ.