ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިންވެސް މާބަނޑު މީހުންގެ އަދަދު ގިނަ ވަމުންދާތީ މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ޖަހަން ފަށަން ނިންމައިފިއެވެ.
އައިޖީއެމްއެޗުގެ ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ މާބަނޑު މީހުންނަށް ވެކްސިން ދިނުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ވެކްސިން ޖަހަން ފަށާނެ ދުވަހެއް ޑރ. ފައިސަލް ވިދާޅެއްނުވެއެވެ. މިހާތަނަށް ރާއްޖޭގައި މާބަނޑު މީހުންނަށް ވެކްސިން ދީފައި ނުވާ ނަމަވެސް ބައެއް ގައުމުތަކުގައި ފައިޒާ އަދި މޮޑާނާގެ ވެކްސިން މާބަނޑު މީހުންނަށް ދެމުން ގެންދެއެވެ.
ފައިޒާ ވެކްސިން ދޭން ނިންމާފައިވާއިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މާބަނޑު މީހުންގެ އަދަދު ގިނަވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފައި ވަނީ ރޭގައެވެ.
އެގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އައިޝަތު އެލީނާ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މާބަނޑު މީހުންގެ އަދަދު އަންނަނީ ގިނަވަމުން ކަމަށާއި އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަލާލާއިރު ވެސް މިދިޔަ ހަފްތާގައި ގިނަ އަދަދަކަށް ޕޮޒިޓިވް ވެފައިވާ މާބަނޑު މީހުން އެބަތިބި ކަމަށެވެ. އަދި އޭގެތެރެއިން އެއް ފަރާތެއް ސީރިއަސް ހާލަތުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.