މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އިނގިރޭސި ޓީމު މެންޗެސްޓާ ސިޓީ ދަތުރުކޮށްފިއެވެ.
މިއީ ފައިތުވި ތިން ސީޒަންގެ ތެރެއިން ދެ ސީޒަން އިނގިރޭސި ލީގު ކާމިޔާބުކުރި އަދި މި ސީޒަންގައި ވެސް އެތަށި އުފުލާލާނެ ސިޓީ ޔޫރަޕްގެ ކްލަބްތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ސްޕެއިންގެ ބާސަލޯނާ އަދި ޖަރުމަނުވިލާތުގެ ބަޔާން މިއުނިކްއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގެ ދެ ލެގުގައި ފަރަންސޭސިވިލާތުގެ ޕެރިސް ސެއިން ޖަމައިން ޕީއެސްޖީ ބަލިކުރުމަށް ފަހުއެވެ.
ރޭ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ސެމީގެ ދެވަނަ ލެގު ކުޅުނު އިރު މި މެޗު ސިޓީ ކާމިޔާބުކުރީ 2-0 އަކުންނެވެ.
މެޗުގައި ސިޓީން ޖެހި ފުރަތަމަ ލަނޑު އެޓީމުން ކާމިޔާބުކުރީ 11 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އަލްޖީރިއާގެ ފޯވަޑް ރިޔާޒް މަހްރޭޒެވެ.
ސިޓީގެ ލަނޑުގެ ފަހުން ޕީއެސްޖީގެ ފަރާތުން ދެ ތިން ހަމަލާ ފެނުނު އިރު އެޓީމުގެ ނަން މަޝްހޫރު ތަރިންގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނެއެވެ. ހާއްސަކޮށް ބްރެޒިލްގެ ތަރި ނެއިމާ ރޭގެ މެޗުގައި ދައްކާފައިވަނީ އާދައިގެ ކުޅުމެކެވެ.
ނަތީޖާއަކަށް ވީ ދެވަނަ ހާފް ފަށައިގެން މާގިނަ އިރުތަކެއް ނުވަނީސް ސިޓީން އިތުރު ލަނޑެއް ޖަހާ ނަތީޖާ ކަށަވަރުކުރުމެވެ. މިލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށް ދިނީ މަހްރޭޒްއެވެ.
އެއަށް ފަހުން ދެން ފެނިގެން ދިޔައީ ޕީއެސްޖީގެ މިޑްފީލްޑަރު އެންގެލް ޑި މަރިއާ ކުރި ނުރައްކާތެރި ފައުލަކަށް ސީދާ ރަތްކާޑެއް ދެއްކި ތަނެވެ. ދެޓީމުގެ ދެމެދު ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި ވެސް ޕީއެސްޖީގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކިއެވެ.
ސެމީގެ މި ޓައި ސިޓީ ކާމިޔާބުކުރީ 4-1 ގެ އެގްރިގެޓް ސްކޯއަކުންނެވެ.
ފައިނަލްގައި ސިޓީ ކުޅެން ޖެހޭނީ މިރޭ އިނގިރޭސި ޓީމު ޗެލްސީއާއި ސްޕެއިންގެ ރިއާލް މެޑްރިޑް ވާދަ ކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
މިމުބާރާތުގެ ފައިނަލް އޮންނާނީ މިމަހުގެ 29 ވަނަ ދުވަހު ތުރުކީވިލާތުގެ އިސްތަންބުލްގައެވެ.