ހާއްސަ ހުއްދައިގެ ދަށުން އޭއެފްސީ ކަޕްގެ މެޗުތައް ކުޅެން ހުއްދަދޭން ނިންމައިފިއެވެ.
މިހާރު ކުރިޔަށްގެންދާ ނޫސްވެރިންގެ ކޮންފަރެންސްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ އޭއެފްސީ ކަޕަކީ ބައިނަލްއަގްވާމީ މުބާރާތަކަށް ވާތީ، މެޗުތައް ކުޅެން ޖާގަދޭން ނިންމާފައިވާ ކަމަށެވެ. އަދި ހަމަ އެހެންމެ މެޗުތައް ކުރިޔަށް ގެންދާއިރު އެޗްޕީއޭއިން ކަނޑައަޅާ ގައިޑްލައިންތަކާއި އޭއެފްސީން ކޮވިޑް ހާލަތާ ގުޅިގެން ހަދާފައިވާ ގައިޑްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ވަނީ އެދިފައެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ ރާއްޖޭން ބޭރުން އަންނަ ޓީމެއް ނަމަ އެންމެންގެ ނެގެޓިިވް ޕީސީއާރު ޓެސްޓް އޮންނަން ވާނެ ކަމަށާ، ރާއްޖެ އައިސް ތިބޭނީ ވަކިން ހާއްސަ ކުރެވިފައިވާ ފެސިލިޓީއެއްގައި ކަމަށެވެ. އަދި އެ ފެސިލިޓީން އެހެން ތަނަކަށް ދިޔުމުގެ ހުއްދަ ނުދެވޭނެ ކަމަށާއި ހަމައެކަނި ދަތުރުކުރުމުގެ ފުރުސަތު ދެވޭނީ ފެސިލިޓީން ދަނޑަށް ކަމަށެވެ.
ރާއްޖޭން ބޭރުން އަންނަ ޓީމްތަކަށް ހިދުމަތްދޭ ފަރާތްތަކަކީ މުޖުތަމައުގެ ތެރެއަށް ނިކުމެ ނޫޅޭނެ ފަރާތްތަކަކަށް ވާނެޖެހޭނެ ކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން އިންޑިއާއިން އަންނަ ޓީމް މެމްބަރުން ރާއްޖެއިން ފުރާއިރު "ޑިޕާޗާ" ސާމްޕަލް ހަދަން ޖެހޭނެ ކަމަށާއި އިންޑިއާގެ ޓީމަކާ އެކު ރާއްޖޭން ކުޅޭ ޓީމްތައް އިންޑިއާއާ އެކު ކުޅުމަށް ފަހު ޓީމް އެއްކޮށް 14 ދުވަހުގެ ކަރަންޓިނެއް ވާން ޖެހޭނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.