ކޮވިޑްގެ ހާލަތާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާ އެކުވެސް ކޯޓުތަކުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ދާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ މާލޭ ސަރަހައްދުގެ ކޯޓުތަކާއި، ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން އެރަށަކަށް ވަކި ހާއްސަ ފިޔަވަޅުތައް އަޅާފައިވާ ރަށްރަށުގެ ކޯޓުތަކުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކޯޓުތަކުން ލިބޭ ހިދުމަތްތައް މެދުނުކެނޑޭނެގޮތަށް އާއްމުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ޖެއެސްސީން ބުނެއެވެ.

ޖެއެސްސީން ބުނީ އެ ނިންމުން ނިންމާފައިވަނީ ކޮމިޝަނުން އިއްޔެ ބޭއްވި ކޮމިޝަނުގެ 36 ވަނަ ބައްދަލުވުމުގައި ކަމަށެވެ.

ޖެއެސްސީން އެހެން ނިންމާފައިވާއިރު ކޮވިޑްގެ ކޭސްތައް އިތުރުވެފައި ވާތީ އެޗްޕީއޭއިން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ.

އެ ގޮތުން ހުރިހާ މާލޭ ގްރޭޑް ތަކަކަށް ސްކޫލްތައް ބަންދު ކުރުމާއި ދަރިވަރުން ގޭގައި ތިބެ އޮންލައިން ކޮށް ކިޔަވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ހަމައެއާއެކު ސަރުކާރު އޮފީސްތައް ބަންދު ކުރުމާއެކު މިސްކިތްތަކުގައި ގައިދުރު ކަމާއެކު ނަމާދު ކުރުމަށް ވެސް ވަނީ އަންގާފައެވެ. މާލެ ސަރަހައްދުގައި ދުއްވާ އެއްޗެހި ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް ވަނީ ހަމަޖައްސާފައެވެ.

މި ފިޔަަވަޅުތައް އަޅާފައިވާ އިރު އެ ގޮތަށް އަމަލު ކުރަން ފަށަނީ މި މަހުގެ 5 ވަނަ ދުވަހުން މި މަހުގެ 15 އާ ހަމައަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.