ކޮވިޑް 19 ޖެހޭ މީހުންގެ އަދަދުތައް އިންތިހާއަށް އިތުރުވަމުން ދާ މި ދަނޑިވަޅުގައި އެންމެހާ ރައްޔިތުން ބަލިން ރައްކާތެރި ވުމަށް ސަމާލުކަން ދިނުމަށް ނައިބުރައީސް ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފިއެވެ.
ފައިސަލް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ އެންމެންގެ ރައްކަލަކަށްޓަކައި ސިއްހީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް ފަރުދީ ޒިންމާ އަދާކުރުމަށެވެ.
ފާއިތުވެގެން ދިޔަ ހަފްތާ ވެފައި ވަނީ ރާއްޖޭގައި ރިކޯޑް އަދަދަކަށް ބަލިފެތުރުނު ހަފްތާއެއްގެ ގޮތުގައެވެ. އެގޮތުން މިދިޔަ ދެ ދުވަހު ޕޮޒިޓިވް ރޭޓް ހުރީ 500 އިން މަތީގައެވެ. އަދަދުތަށް މަތިވާން ފެށުމުން އެޗްޕީއޭ އިން ވަނީ ދީފައިވާ ލުއިތަށް އިތުރަށް ހަރުކަށި ކޮށްފައެވެ. އެގޮތުން ދަންވަރު 12 އިން ފަތިހު 04 އަކަށް ވެހިކަލް ދުއްވުން މަނާ ކުރުމާއި ސަރުކާރު އޮފީސްތަކާއި ސްކޫލުތައް ކުރިޔަށް އޮތް ދިހަދުވަހަށް ވަނީ ބަންދުކޮށްފައެވެ. އަދިހަމަ އެހެންމެ 2 ޑޯޒް ވެކްސިން ފުރިހަމަ ކުރުމަށް ފަހު ކަރަންޓީނާ ނުލާ ރަށްރަށަށް ދިޔުމަށް ހުއްދަދިނުންވެސް ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.