އިންސާނިއްޔަތަށް ނިއުމަތެއް ކަމުގައި މާތް ﷲ ތަނަވަސްކޮށްދެއްވި މޭވާތަކުގެ ތެރެއިން، އިލްމުވެރިންގެ މެދުގައި ރަސްރަސްކަލުންގެ ދަރަޖަ ދީފައިވާ އެއް މޭވާއަކީ މޭބިސްކަދުރެވެ.
ކީރިތި ޤުރުއާނުގައިވެސް އެތައް ފަހަރަކު، މޭބިސްކަދުރުގެ ވާހަކަ ބަޔާންވެގެންވެއެވެ.
"ފަހެ، އިންސާނާ އޭނާގެ ކާތަކެއްޗަށް ބަލައިފާހުށިކަމެވެ! ބޯކޮށް އޮހިގެން އަންނަގޮތުގައި، ތިމަންރަސްކަލާނގެ ފެން އޮއްސެވީމެވެ. ދެން ތިމަންރަސްކަލާނގެ (ގަސްހެއްދެވުމަށް ފަސޭހަވާނެގޮތުން) ބިންގަނޑު ފެޅުއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެ ބިމުގައި ގޮވާން (ގަސްތައް) ފެޅުއްވީމެވެ. އަދި މޭބިސްކަދުރާއި ފަތްޕިލާވެއްޔެވެ."
(ޢަބަސަ ސޫރަތް: 24-28ގެ މާނަ)
"އެކަލާނގެ އެ ފެނުގެ ސަބަބުން ގޮވާމާއި، ޒައިތޫނި ގަހާއި، ކަދުރު ރުކާއި، މޭބިސްކަދަރާއި، އެންމެހާ މޭވާގަސްތައް ތިޔަބައިމީހުންނަށްޓަކައި ފަޅުއްވަތެވެ. ހަމަކަށަވަރުން ފިކުރުކުރާ ބަޔަކަށް އެކަންކަމުގައި ހެތްކެއްވާކަން ކަށަވަރެވެ."
(ނަޙްލު ސޫރަތް: 11ގެ މާނަ)
"ހަމަކަށަވަރުން، ތަޤުވާވެރިންނަށް ހުރީ، ނަޞީބު ލިބެނިވި ތަނެކެވެ. ބަގީޗާތަކާއި، އަދި މޭބިސްކަދުރުތަކެވެ."
(ނަބާ ސޫރަތް: 31-32ގެ މާނަ)
ހަށިގަނޑަށް ފައިދާ ލިއްބައިދެނިވި މުހިންމު މާއްދާތަކެއް އެކުލެވޭ މޭބިސްކަދުރުގައި ހިމެނޭ ބައެއް ބައިތަކަށް ބަލާއިރު، ހަކަތަ، ކާބޯހައިޑްރޭޓް، ޕްރޮޓީން، ފައިބަރު، ފެޓް ހިމެނެއެވެ. ވިޓަމިންތަކަށް ބަލާއިރު ފޯލިކް އެސިޑް، ވިޓަމިން އޭ، ސީ، އީ އަދި ކޭ ފާހަގަ ކުރެވެއެވެ. މައުދަންތަކުގެ ބަޔަށް ބަލާއިރު ކެލްސިއަމް، ކޮޕާ، ދަގަނޑު، މެގްނީޒިއަމް އަދި މެންގަނީޒް ހިމެނެއެވެ. މީގެ އިތުރުން ތަފާތު އެކި ފައިޓޯނިއުޓްރިއެންޓްތައްވެސް މޭބިސްކަދުރުގައި ހިމެނެއެވެ.
މޭބިސްކަދުރުން ލިއްބައިދޭ ސިއްހީ ފައިދާ
ހިތުގެ ބަލި: މޭބިސްކަދުރުގައި އެކުލެވޭ "ރެސްވެރެޓްރޯލް" ގެ ސަބަބުން، ލޭގައި "ނައިޓްރިކް އޮކްސައިޑް"ގެ މިންވަރު އިތުރުވެއެވެ. ނައިޓްރިކް އޮކްސައިޑް އަކީ ލޭހޮޅި ފުޅާކޮށްލާ މާއްދާ އެކެވެ. މިއީ ލޭގެ އާރުގެ ތެރޭގައި "ގަނޑު ލޭކޮޅު" އުފެދުމަށް ހުރަސްއަޅާ، ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.
ހިތާ ލޭހޮޅިތަކަށް ލިއްބައިދޭ އިތުރު ފައިދާތަކުގެ ތެރޭގައި، ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް ދަށްކުރުން، ހަށީގަނޑުގެ ސަރުބީގެ މިންވަރު ދަށްކުރުން، ނުރަނގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުން، ނުރަނގަޅު ކޮލެސްޓްރޯލް އޮކްސިޑައިޒްވުން ދަށްކުރުން، ލޭގެ ތެރޭގައި ރިއެކްޓިވް އޮކްސިޖަން މޮލެކިއުލްގެ މިންވަރު ދަށްކުރުން، ލޭހޮޅީގެ ފާރުގައި ސެލްތައް ހަރުލުމުގެ ފުރުސަތު ދަށް ކުރުން، ޕްލޭޓްލެޓްތައް ޖަމާވުން މަދުކުރުން ފަދަ ފައިދާތައް ހިމެނެއެވެ.
ބޮލުގެ ރިހުން: މޭބިސްކަދުރު ޖޫހަކީ ބޮލުގެ އެއްފަޅީގައި ރިހުން ކުރިމަތިވެފައިވާ މީހުންނަށް ރިހުން ކުޑަކުރުމަށް، ގޭގައި ބޭނުންކުރެވިދާނެ ފަރުވާ އެކެވެ. މިޖޫސް ބޭނުންކުރަނީ ހެދުނުކޮޅު ޖޫހަށް ފެން އެއްކުރުމަކާ ނުލައެވެ.
ހަޖަމުގެ މައްސަލަ: ކާނާ ހަޖަމުނުވުން ރަގަޅުކުރުމުގައި މުހިއްމު ދައުރެއް މޭބިސްކަދުރު އަދާކުރެއެވެ. އެގޮތުން މޭބިސްކަދުރު ބޭނުންކުރުމުން، ހަޖަމުވުން ރަގަޅުވެ، މައިދާގެ މަސައްކަތްތަކަށް ދިރުން ގެނެސްދެއެވެ. މީގެ އިތުރުން، ބަނޑުހިކި ފާޚާނާ ނުކުރެވި ގިނަ ދުވަސްވާނަމަ އެކަން ހައްލުކުރުމަށް މޭބިސްކަދުރު ބޭނުންކުރެވިދާނެ އެވެ.
އުރަމަތީގެ ކެންސަރު: ދިރާސާއިން ދައްކާފައިވާ ގޮތުގައި ދަނބުކުލައިގައި ހުންނަ މޭބިސްކަދުރުގެ ޖޫހަކީ އުރަމަތީގެ ކެންސަރުން، ރައްކާތެރިވުމުގައި އެހީތެރިވެދޭ އެއްޗެކެވެ.
ލޯފުސްވުން: މޭބިސްކަދުރުގައި ހިމެނޭ އެންޓިއޮކްސިޑެންޓްގެ ތެރޭގައި ގުނާލެވޭ ފްލޭވޮނޮއިޑް އަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތަކުގެ ތެރޭގައި ހިމެނޭ ލޯފުސްވުން ފަދަ ކަންތައްތަކުން މިންޖުކޮށްދޭ މާއްދާ އެކެވެ.
މޭބިސްކަދަރަކީ އަނގަޔަށް މީރު، ހުތް-ފޮނި މޭވާއެކެވެ. ތަފާތު ވައްތަރުގެ މޭބިސްކަދުރު ހުންނައިރު، އެންމެ އާންމު ކޮށް ފެންނަނީ، ފެހި، ރަތް، ކަޅު އަދި ދަނބު ކުލައަކަށް ހުންނަ މޭބިސްކަދުރެވެ. މޭބިސްކަދުރުބޭނުން ކުރެވިދާނެ ތަފާތު ގޮތްތައްވެސް ހުރެއެވެ.
ކްރީމީ ގްރޭޕް ސެލަޑް
ބޭނުންވާނެ ތަކެތި
- 8 އައުންސް ކްރީމް ޗީފް (ފިނިކަނޑުވާފަ)
- 1 ޖޯޑު ސަވާ ކްރީމް
- 1/3 ޖޯޑު ހަކުރު
- 2 ސައި ސަމުސާ ވެނީލާ އެކްސްޓްރެކްޓް
- 2 ޕައުންޑް ރަތް (އޮށްނެތް) މޭބިސްކަދުރު
- 2 ޕައުންޑް ފެހި (އޮށްނެތް) މޭބިސްކަދުރު
- 3 މޭޒުމަތީ ސަމުސާ ބްރައުން ޝުގާ
- 3 މޭޒުމަތީ ސަމުސާ ޕީކާން (ކުދިކޮށް ކޮށާފަ)
ތައްޔާރު ކުރާނެ ގޮތް
- ބޮޑު ބޯތައްޓެއްގައި ކްރީމް ޗީޒް، ސަވާ ކްރީޟް، ހަކުރު، އަދި ވެނީލާ އަޅާ ރަނގަޅަށް ބްލެންޑްކޮށްލާ
- އެއަށްފަހު މޭބިސްކަދުރު އަޅާ އެއްކޮށްލާ
- ސާވް ކުރަންވަންދެން މަތި ބަންދު ކުރުމަށްފަހު ފުރިޖުގައި ބަހައްޓާ
- ސާވް ކުރަން ވުމުން، ބްރައުން ޝުގާ އަދި ޕީކާންސްކޮޅު މައްޗަށް އަޅާ
ކްރީމީ ގްރޭޕް ސެލަޑަކީ ސޭންޑްވިޗްއާއެކު ބޭނުން ކުރަން މީރު ސެލަޑެކެވެ. ސެލަޑް ރަހަ އިތުރަށް ފުރިހަމަ ކުރަން ބޭނުން ނަމަ، ޕީކާން އެޅުމުގެ ކުރިން ހަނާކޮށްލުމުން ތަފާތު ފެންނާނެއެވެ.