ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ބޭނުން ކުރާ ވެކްސިން، މިހާރުން މިހާރަށް ޖަހާ ނުދެނީސް އިތުރު ދަތުރުތަކެއް ނުކުރާނެ ކަމަށް، އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާގެ ޕައިލެޓުން ބުނެފިއެވެ.

އެއާ އިންޑިއާގެ ޕައިލެޓުން މިފަދަ ނިންމުމެއް ނިންމާފައި ވާއިރު، ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި، އެ އެއާލައިންގެ ކުރޫއިންގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ބައެއް މެންބަރުން ވަނީ ކޮވިޑްގައި މި ދުނިޔެ ދޫކޮށްފައެވެ.

އިންޑިއަން ކޮމާޝަލް ޕައިލެޓްސް އެސޯސިއޭޝަން (އައިސީޕީއޭ) ޔޫނިއަނުން ވަނީ، އެ ޔޫނިއަންގެ މެންބަރުންނާ، އެ މެންބަރުންގެ އާއިލާތަކުންވެސް އޮކްސިޖަން ނުލިބިގެން ތަކުލީފު އުފުލަން ޖެހެހިފައި ވާ ކަން، މެނޭޖްމަންޓަށް އަންގާފައެވެ. އަދި ހޮސްޕިޓަލުން ޖާގަ ހޯދުމުގެ ކަންކަމުގައި އުޅެން ޖެހެނީ އަމިއްލައަށް ކަމަށް ޔޫނިނުން ވަނީ ބުނެފައެވެ.

އިންޑިއާގެ އެކި ހިސާބުތަކަށް އޮކްސިޖަން ސަޕްލައި ނުލިބުމުގެ މައްސަލަ ވަނީ ބޮޑު ވެފަ / ފޮޓޯ: ނިއުސްލޯންޑްރީ

އައިސީޕީއޭއިން އެއާ އިންޑިއާގެ މެނޭޖްމަންޓަށް ލިޔުނު ބަޔާނުގައި ބުނެފައި ވަނީ، އުދެހޭ ކުރޫއަށް ސިއްހީ އެހީގެ ނިޒާމެއް ހަމަޖެހިފައި ނެތުމާ، އިންޝުއަރަންސް ނެތުމާ، އިންތިހާއަށް މުސާރަ ކުޑަކޮށްފައި ވާ މި ދަނޑިވަޅަކީ، ވެކްސިނަކާ ނުލާ، އަމިއްލަ ފުރާނަ އަތް މައްޗަށްލައިގެން، އުދުހުމުގެ ގާބިލުކަން ކުރޫއަށް ލިބިފައިވާ ވަގުތެއް ނޫން ކަމަށެވެ.

ވަޒީފާގެ ގޮތުން ކޮވިޑް-19އަށް ނުރައްކާ ދަރަޖައަކަށް ހުށަހެޅިފައި ވާ ހާލު، އަތްމަތިވެސް އިންތިހާއަށް ދަތިވެފައި ވާކަން މި ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

މުޅި އިންޑިއާ ކަވަރު ކުރެވޭ ގޮތަށް، އެއާ އިންޑިއާގެ އުދުހޭ ކުރޫގައި ހިމެނޭ މެންބަރުންގެ ތެރެއިން 18 އަހަރުން މަތީގެ ހުރިހާ އެންމެނަށް އިސްކަން ދީގެން ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސާ ނުދީފިނަމަ، އިތުރު ދަތުރުތަކެއް ނުކުރާނެ ކަމުގެ އިންޒާރު، ޕައިލެޓުން ވަނީ ދީފައެވެ.

މިހާރުވެސް އެއާ އިންޑިއާގެ 10 މެންބަރުންގެ ކުރޫއެއް އިޓަލީގެ ރޯމްގައި ވަނީ އައިސޮލޭޓް ކޮށްފައެވެ. މިދިޔަ ބުދަ ދުވަހުން ފަށައިގެން އައިސޮލޭޓް ކޮށްފައިވާ ކުރޫގައި ހިމެނޭ 2 ޕައިލެޓުންގެ ތެރެއިން 1 ޕައިލެޓާ، 8 ކެބިން ކުރޫއިންގެ ތެރެއިން 1 ކޮވިޑަށް ޕޮޒިޓިވްއެވެ.

ފަސެންޖަރުންނާއެކު ބޯޓުގެ ކުރޫ އައިސޮލޭޓް ކޮށްފައި ވާއިރު، އެކަމުގައި އެއާ އިންޑިއާއަށް ކޮށްދެވޭނެ މާ ބޮޑު ކަމެއްވެސް ނެތެވެ.

އެއާ އިންޑިއާއަކީ ބައިނަލްއަގުވާމީ ފެންވަރުގައި އޮޕަރޭޓްކުރާ އެންމެ ޒަމާންވީ ކޮމާޝަލް އެއާލައިންް / ފޮޓޯ: ގެޓީއިމޭޖަޒް

ކޮވިޑް-19 އާ ގުޅިގެން ވައިގެ އުދުހުންތަކުގެ އުސޫލުތަކަށް ގައުމުތަކުން ހަލުވި ދުވެލީގައި، އަވަސް ބަދަލުތަކެއް ގެންނައިރު، ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ފުޅާ ދާއިރާއެއްގައި އޮޕަރޭޓް ކުރާ އެއް އެއާލައިން ކަމަށް ވާ އެއާ އިންޑިއާގެ ކުރޫއަށް އުފުލަން ޖެހޭ ތަކުލީފު ބޮޑެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ފަސްޖެހުމެއް ނެތި އެންމެ ސާބިތު ކަމާއެކު ދަތުރު ކުރި އެއް ކުރޫއަކީވެސް އެއާ އިންޑިއާގެ ކުރޫއެވެ. ބަލިމަޑުކަމާއެކު ތަންފީޒު ކުރަން ފެށި ލޮކްޑައުންގެ އަމުރުތަކާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހުނު އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް ހިންގި ވަންދޭ ބާރަތު މިޝަން ކާމިޔާބު ކުރުމުގައިވެސް އެއާ އިންޑިއާގެ ކުރޫއިން ކުރި މަސައްކަތް ފާހަގަ ކުރެވެއެވެ. މީގެ އުތުރު ބަލީގެ ނުރައްކާ އިންތިހާއަށް ދަރަޖައަށް ބޮޑުވެގެން ދިޔައިރު، މުސާރަ ކުޑަކޮށްފައި ވީ ނަމަވެސް، ކުރޫއިން ބޮޑެތި ގުރުބާނީތަކެއް ވީ ކަން، މެނޭޖްމަންޓަށް ފޮނުވި ލިޔުމުގައި ވެއެވެ.

އިންޑިއާގައި އޮޕަރޭޓް ކުރާ އިންޑިގޯ ފަދަ އަމިއްލަ އެއާލައިންތަކުން ވަނީ، އެ އެއާލައިންތަކުގެ މުވައްޒަފުންނަށް ވެކްސިން ހަމަޖައްސާދޭނެ ކަމަށް ބުނެފައެވެ. މި ދަނޑިވަޅަކީ އިންޑިއާއަށް ކޮވިޑް-19ގެ ތޫފާނަކާ ކުރިމަތިލާންޖެހިފައިވާ ދަނޑިވަޅަކަށް ވާއިރު، ވެކްސިން ކެމްޕޭންވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަން ފާހަގަ ކުރަންޖެހެއެވެ.