މަދަނީ އިޖުރާއަތުގެ ބިލު މަޖިލީހަށް ފޮނުވީ އެ މަސައްކަތަކީ މަޖިލީހުގެ ކޮމިޓީއާ ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތަކަށް ވެފައި ބައި ބަޔަށް ދިރާސާ ކުރަމުން ގެންދިއުމުން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އެ ބިލަކީ ވަރަށް ކުރު މުއްދަތެއްގައި ފުރިހަމަ ކުރަން ޖެހުނު ބިލަކަށް ވުމާއެކު ބިލް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއެކު ކަމަށެވެ. އަދި އެއީ 300 ސޮފްހާގެ ބިލެއް ކަމަށާއި، އެ މަސައްކަތް ކުރރަން ލިބުނު މުއްދަތުގެ ކުރު ކަމުން އެކަން ހިނގީ މަޝްވަރާގެ މަތިން ކަމށެވެ.

ނަމަވެސް މަޖިލީހުގެ ކޮމިޓީން ފަހުން ބޭނުން ވީ ބިލު އެއްކޮށް ކަމަށާއި، އެހެން އެކަން ވުމުން މުޅި ބިލުގެ އިސްލާހު ކުރި ދެލި ކޮޕީއެއްވެސް މަޖިލީހުގެ ކޮމިޓީއަށް ފޮނުވި ކަމަށެވެ. އަދި އެކަން ހިނގީ ނޮވެންބަރު 4، 2020 ގައި ކަމަށް އޭޖީ ބުނެއެވެ. އަދި ބިލު ދިރާސާ ކުރަން ފަސޭހައަކަށް ބިލުގެ ހުލާސާއެއް މިއަރުގެ މާޗު މަހު މަޖިލީހަށް ފޮނުވި ކަމަށްވެސް އޭޖީން ބުނެއެވެ.

މަދަނީ އިޖުރާއަތުގެ ބިލަކީ، ދިވެހިރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު ތަރުތީބު ވެގެން ދާނެ ގޮތް ކަނޑައަޅައިދޭ މައިގަނޑު ބިލެވެ.

އޭޖީން މި ހުރިހާ ވާހަކައެއް މިއަދު ދެއްކީ، މަދަނީ އިޖުރާތުގެ ބިލް ނުނިމި ލަސްވަނީ ސަރުކާރުގެ ސަބަބުން ކަމަށް މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީން މިއަދު ބުނުމާ ގުޅިގެން ރައްދު ދިނުމުގެ ގޮތުންނެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މިއަދު ވިދާޅުވީ، އެކި އެކި މައްސަލަތަކުގައި ބަދަލުނަގައިދިނުމުގައި ރިއާޔަތް ކުރަން ޖެހޭ ގޮތަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި އެ ބިލް ފޮނުވީ މިދިޔަ އަހަރު ފެބްރުއަރީ މަހުގައި ކަމަށް ވިޔަސް ބިލް ދިރާސާކުރަމުން ދަނިކޮށް ފޮނުވި ބިލަކީ "ރަނގަޅު ވާޝަނެެއް ނޫން ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނި" ކަމަށެވެ. އަދި އޭގެ ފަހުން ފޮނުވަމުން ދިޔައީ ބާބުން ބާބުން ކަމަށާއި، ބިލަށް ހިޔާލު ފާޅުކުރަން ހުޅުވާލާ، އޮކްޓޫބަރު މަހާ ހަމައަށް ދިޔަ އިރުވެސް ޖުމްލަ ބިލް ނުފޮނުވާ ކަމަށެވެ.