މި ރޯދަމަ މަހުގެ މެދެއްހާ ހިސާބަށް ދިޔަ އިރު ކޮވިޑް ކޭސްތައް ވަނީ ވަރަށް މައްޗަށް ގޮސްފައެވެ. ކޮވިޑް ރާއްޖޭގައި ފެތުރެން ފެށިފަހުން އިއްޔެ މި ވަނީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވް ވެފައެވެ. 508 މީހަކު ޕޮޒިޓިވްވެފައި ވާއިރު އޭގެތެރެއިން މާލެ ސަރަހައްދުގައި ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު 276 އަކަށް މި ވަނީ އަރާފައެވެ. އަދި ރަށްރަށުން ޕޮޒިޓިވްވި މިޙުންގެ އަދަދު އިއްޔެ މިވަނީ 185 އަށް އަރާފައެވެ. މިއާ އެކު މިވަގުތު ރާއްޖޭގައި ތިބި އެކްޓިވް ކޭސްގެ އަދަދު މިވަނީ 5594 އަށް އަރާފައެވެ.
ކޮންމެ ބަޔަކު ވެސް މިހާ ގިނަ އަދަދަކަށް ކޭސްތައް އިތުރުވުމުން އެކަމާ ކަންބޮޑުވެ ސުވާލު އުފައްދައެވެ. އެ ގޮތުން ކޮންމެ މީހަކުވެސް ކުރާ އެންމެ ބޮޑު އެއް ސުވާލަކީ މިހާރު ކޭސްތައް މައްޗަށް މިދަނީ ކީއްވެ؟
އާންމުންގެ ތެރޭގައި ބޮޑު ހިޔާލު ތަފާތުވުމެއް އުފެދޭ ކޮންމެ މި ފަދަ ދަނޑިވަޅެއްގައި ވެސް ބައެއްގެ ބޮލުގައި މި ފަދަ ކަންކަން އަޅުވަމުން ދިއުމަކީ އިންސާނީ ތޮބީއަތޭ ބުނެވިދާނެއެވެ. އެގޮތުން މި ހާލަތުގައި ކޭސްތައް އިތުރުވުމުގައި ބައެއް މީހުން ބުނެ އުޅެނީ މީ އެޗްޕީއޭގެ މައްސަލައެއް ކަމަށެވެ. އަނެއް ބަޔަކު އަންނަނީ ޓޫރިޒަމް އަށް އިނގިލި ދިއްކުރަަމުންނެވެ. މުއައްސަސާތަކުގެ އިތުރުން ބައެއް މީހުން ވަނީ ސިޔާސީ ޕާޓީތަކުގެ ބޮލުގައިވެސް މިތުހުމަތު އަލާފައެވެ. ލޯކަލް ކައުންސިލް އިންތިހާބަށް ކުރި ކެމްޕޭންތަކާއި އަދި އިދިކޮޅުން ސިލްސިލާކޮށް މާލޭގައި ހިންގަމުންދާ މުޒާހާރަތަކަކީ ވެސް ކޭސްތައް އިތުރުވުމަށް މަގުފަހިވި ކަމެއްގެ ގޮތުގައި އާންމުން އައީ ދެކެމުންނެވެ.
މީގެ އިތުރުން ކޮވިޑުން ރައްކާތެރިވުމަށް ކުރިއަށް ގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިން ޖަހުމަށް ނަންބަރު ދޫކުރުމުން އެތަނަށް ތޮއްޖެހިގެން މީހުން އެއްވާން ޖެހުމަކީ ވެސް ކޭސްތައް އިތުރުވާން މަގުފަހުވާ ކަމެއްގެ ގޮތުގައި ބައެއް މީހުން ދެކެއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ނޭޝަނަލް ސެންޓާ ފޮ ރެސްޕިރޭޓަރީ މެޑިސިންގެ ފިޒީޝަން ޑރ މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ، ރާއްޖޭގައި މިދަނޑިވަޅު ކޭސްތައް އިތުރުވަމުން އަންނަ ކަން ފާހަގަ ވެފައިވާ ކަަމަށެވެ. އެހެންކަމުން މި ވަގުތު އެއްވުންތައް ހުއްޓަލުމަށާއި ބަލިން ރައްކާތެރިވުމަށް ފިޔަވަޅުއަލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ވަގުތު އެއްވުންތައް ހުއްޓާލައިގެން މެނުވީ ބަލި ފެތުރެން ދިމާވާ ސަބަބު ދެނެގަނެވެން ނެތް ކަމަށް ސިއްހީ މާހިރުން ވިދާޅުވާ އިރު، ޑރ. މުހައްމަދު އަލީ ވަނީ ކޭސްތައް ގިނަވުމުގެ އަސްލާ މެދު ސުވާލު އުފައްދަވާފައެވެ. އެ ގޮތުން އޭނާ ވަނީ މިވަގުތު ކޭސްތައް މި ގިނަ ވަނީ އާ ވޭރިއަންޓަކާ ހެދި ތޯ ނުވަތަ އިންސާނުންނަށް އުޅެވޭ ގޮތުން ކަމާ މެދު ސުވާލު އުފައްދަވާފައެވެ.
މިއީ ވަރަށް ގުޅުން ހުރި ދެ ކަމެކެވެ. އަދި ވިސްނާލިއަސް މިއީ ހަމަޖެހޭވެސް ކަމެކެވެ. އާ ވޭރިއަންޓެއް އުފެދޭނީ މި ބަލި އަވަހަށް މީހުންގެ ތެރޭގައި ފެތުރެން ފެށުމުންނެވެ. އަދި ކޭސްތައް އިތުރުވާން މަގުފަހި ވާނެ އަނެއް ކަމަކަށް އޮތީ ގިނައިން މީހުން އެއްތަނަކަށް އެއްވެ ކޮންޓެކްޓް ވުމަކީ މި ބަލި ފެތުރެން ފެށިގެން އައީއްސުރެ ދެކެވެމުން އަންނަ ވާހަކައެކެވެ.
އެންމެ ބޮޑު އެއް ކަމެއްގެ ގޮތުގައި މިހާރު ފާހަގަވެގެން މިދަނީ ރޯދަ މަސް ފެށުމުގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމާއި އެ ދަނޑިވަޅުގައި އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރު ކުރުން ކަމަށް އެއް ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި އެޗްޕީއޭއިން ރޯދަމަސް ފެށުމުގެ ކުރިއަށް އެހާ ބޮޑެތި ލުއިތަކެއް ދިފައި ވަނީ ވެސް މަޖިލީހަށް އެޗްޕީއޭ ހާޒިރުކޮށް މި ބަލިމަޑުކަމުގެ ނާޒުކު މިންވަރަށް ނުވިސްނާ އިންތިހާބަށް ވޯޓުތަކެއް ހޯދުމުގެ ބޭނުމުގައި ވިޔަފާރިވެރިންނަށް ލުއި ހޯދައިދިނުމަށް ކުރި މަސައްކަތްތަކެއްގެ ނަތީޖާގެ ގޮތުގައި އެއްބަޔަކު އަންނަނީ ސިފަ ކުރަމުންނެވެ.
ރޯދަ މަސް ފެށިގެން އައިއިރު ގިނަ ލުއިތަކެއް ދިފައިވާއިރު އާންމުންނަށް އެއްފަހަރާ މިހާ ބައިވަރު ލުއިތަކެއް ލިބުމުން ހައްޓަކު ހެޔެއް ނެތި ރޯދަ ވީއްލުންތަކާއި ތަރާވީހަށް އެއްވުމާއި، ރައްޓެހިންނާއެކީ ބުރު ޖަހަން ދިއުމާއި ތާސް ގަނޑެއް ޖަހާލަން ދިއުން ފަދަ ކުޅިވަރާއި މަޖަލުގައި މަސްއޫލުވީ އިރު ކޮވިޑް ބަލިމަޑުކަމަކީ އޮތް ކަމެއްކަން ވެސް އާންމުންގެ ސިކުނޑިން ކައްސާލައިގެން ދިޔަ ކަހަލައެވެ.
ބަލިމަޑުކަމުން ރައްކާތެރިވުމަށް މިވަގުވެސް ސިއްހީ މާހިރުން ދެމުން މި އަންނަނީ އެއް ނަސޭހަތެކެވެ. ކުރިއެކޭ ވެސް އެއްގޮތަށް މާސްކް އެޅުމާއި، ގިނަ ގިނައިން އަތް ދޮވުމާއި، ގައިދުރުކަމަށް އިސްކަން ދިނުމަށް ސިއްހީ މާހިރުން އަންނަނި ގޮވާލަމުންނެވެ. ގިނަ މީހުން އެއްތަނަކަށް އެއް ނުވުމަށާއި ކޭސްތައް އިތުރުވަމުން އަންނަ މި ހާލަތުގައި ކޮންޓެކްޓުން އިތުރުވިޔަ ނުދިނުމަށް އެ ފަރާތްތަކުން އަންނަނީ ނަސޭހަތްތެރި ވަމުންނެވެ.
އަދި އަވައްޓެރި އިންޑިއާއިން ގިނަ ކޭސްތަކެއް ފެންނަމުން އަންނަ އިރު ރާއްޖޭގައި މިއުޅެނީ އާ ވޭރިއަންޓެއް ކަމަށް ލަފާ ކުރެވޭތީ އެކަމާ ގުޅިގެން ދިރާސާ ކުރަމުންދާ ކަމަށް ވެސް އެޗްޕީއޭއިން ދާދި ފަހުން ވަނީ ބުނެފައެވެ. އަދި އިންޑިއާއިން ކުރިން ފަތުރުވެރިން އައުމުގައި އޮތް ލުއިތައް ވެސް ވަނީ ވަރުގަދަ ކޮށްފައެވެ. ހަމައެއާއެކު ރޯދަ މަސް ފެށެން އޮއްވާ ދިން ލުއިތަކަށް ބަދަލު ގެނެސް މިހާރު މާލެ ފިޔަވާ އެހެން ރަށްރަށުން މީހުން އެއްރަށުން އަނެއް ރަށަށް ދިއުން ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.