ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި އޮތް ކުޑަކުއްޖަކަށް ގަދަކަމުން ޖިންސީ އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ ނަރުހަކު ރާއްޖެއިން ފުރުވާލާފައި ވާތީ އެ ހޮސްޕިޓަލުގެ މެނޭޖްމަންޓުގެ މައްސަލަ ތަހުގީގު ކުރުމަށް އަންގައިފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެ މައްސަލާގައި ކަން ހިނގައިދިޔަ ގޮތް ބަލައި، ހޮސްޕިޓަލުގެ މެނޭޖްމަންޓުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަ ތަހުގީގުކޮށް، ދައުވާ ކުރުމަށް ފޮނުވުމަށް ފުލުހުންނަށް އަންގާފައި ވާނެ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ޓްރީޓޮޕް ހޮސްޕިޓަލުގައި މަސައްކަތް ކުރި ފިރިހެން ނަރުހަކު އެޑްމިޓް ކޮށްފައި އޮތް ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެ ހޮސްޕިޓަލުން ފުލުހުންނަށް ހުށަހަޅައިފައި ވާ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގު މަރުހަލާގައި ޕީޖީ އޮފީހާ މަޝްވަރާ ކުރުމުން މައްސަލަ ފުލުހުންނަށް ހުށަހެޅިއިރުވެސް އެ މައްސަލާގައި ތުހުމަތު ކުރެވޭ ބިދޭސީ މުވައްޒަފު ރާއްޖެއިން ފުރައިގެން ގޮސްފައި ވާތީ އެ މީހާގެ ބައި ކުރިއަށް ނުގެންގޮސް ނިންމާލާފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި އެ މީހާ ރައްޖެއަށް ނާދެވޭ ގޮތަށް އިމިގްރޭޝަން މެދުވެރިކޮށް ބްލެކް ލިސްޓް ކުރުމަށް ޕީޖީން ލަފާދީފައި ވާތީ އެ މައްސަލަ މިހާރު ފައިލް ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެއީ ބޭރު މީހެއް ނަމަވެސް އެމީހާގެ ގައުމެއް ފުލުހުންވެސް ޕީޖީ ވެސް ހާމަ އެއް ނުކުރެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ބުނާގޮތުން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން އެނގި ހުރެ އެކަން ރިޕޯޓް ނުކުރުމަކީ ކުށަކަށް ވާއިރު އަދަބަކީ 6 މަސް ދުވަހާއި 3 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ބުނާގޮތުން ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގައިފި ނަމަ އެއީ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ކުށެކެވެ.
ތިޔައީ ޗަންޕާމެންގެ ތަންތަން. ތިތަންތަނަކާ އެއްވެސް ބަޔަކާ ނުކުޅެވޭނެ. ސަބަބަކީ ތިމީހުންނަކީ މި ދައުލަތަށް ވުރެ ބޮޑު އާމްދާނީ އެއް މަހަކު ޖީބަށް ވަންނަ ބައެއް. ނުވިތާކަށް ސަރުކާރު ހިންގުމަށް ބޯކޮށް ލާރި އަޅާ ބައެއް. ތި މައްސަލަ ވެސް މިހާރު ތި އޮތީ ނިމިފަ. އެމީހާ ޑީޕޯޓް ކޮށްލައިފި. ބްލެކްލިސްޓް ކޮށްފި. ދެން ކޮންގޮތަކުންތޯ އެކުއްޖާއަށް އިންސާފު ލިބޭނީ. އާކުން އާއި ޖެންޑަރ އިން ބަޔާން ނެރުނީމަ ނިމުނީ. ޢިސްލާމީ ސަރީއަތް ނުހިނގާހާ ހިނދަކު ވާނީ މިހެން.