މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ފިޔަވަޅު އަޅައިފިއެވެ.

ފުލުހުން ބުނީ އެ މުޒާހަރާ ރޫޅާލުމުގައި ބާރުގެ ބޭނުންކޮށްފައި ވާގޮތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާއި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން ބަލައި ގޮތެއް ނިމެންދެން، ފްރޮންޓް ލައިން ޕޮލިސިންގެ މަސްއޫލިއްޔަތު ތަކުން އެ ފުލުހުން މިހާރު ދުރުކޮށްފައިވާ ކަމަށެވެ.

އަދި އެމައްސަލައާ ގުޅިގެން މިހާރު ކުރަމުންދާ ތަހުގީގު ތަކުން ނުކުންނަ ނަތީޖާއަށް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް ފުލުހުން ބުނެއެވެ.

އެ ފުލުހުން ވަޒީފާއިން ވަކޮކޮށްފައި ވާއިރު، ރޭގެ މުޒާހަރާގެ މައްސަލަ ވަނީ މަޖިލީހަށްވެސް ހުށަހަޅާފައެވެ.

ފުލުހުންނާ މެދު ޝަކުވާ ބޮޑުވެފައި ވަނިކޮށް އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ ގަލޮޅު ދެކުނު ދައިރާގެ މެންބަރު މީކާއިލު އަހުމަދު ނަސީމެވެ.

އަދި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށްވެސް ވަނީ ހުށަހަޅުއްވަފައެވެ. އަދި ހިޔުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ވެސް، އެ ކޮމެޓީގެ މުގައްރިރު ޖީހާން މަހްމޫދު ވަނީ އެ މައްސަލަ ހުށަހަޅުއްވާފައެވެ.

ސުލްހަވެރިކަމާއެކު ރޭގައި މުޒާހަރާކުރި މީހުން އަޑުއުފުލަމުން ގެންގޮސްފައި ވަނީ މަސައްކަތްތެރިންގެ ހައްގުތަކާ މެދުގައާއި އަދި މަސައްކަތުގެ މާހައުލުގައި ކުރާ ޖިންސީ ފުރައްސާރައާ ދެކޮޅަށެވެ.

ރޭގެ މުޒާހަރާގެ ބައިވެރިންގެ އިތުރުން، މުޒާހަރާ ކަވަރުކުރުމުގައި އުޅުނު ނޫސްވެރިންނަށް ހުރަސްއަޅައި ބައެއް ނޫސްވެރިންނާ ދިމާލަށް ފުލުން ހަޑިހުތުރު ބަހުން މުއާމަލާތު ކުރި މައްސަލަ ނޫސްވެރިންގެ ޖަމިއްޔާ އާއި މީޑިއާ ކައުންސިލުން ވަނީ ކުށްވެރިކޮށްފައެވެ.

ރޭގެ މައްސަލަ ބޮޑުވެފައި ވާއިރު، ރޭ ފުލުހުން އަމަލުކުރި ގޮތުގެ ހާއްސަ ތަހުގީގެއް ކުރަމުން ގެންދަވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.