މަސައްކަތު މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ނުބަލާތީ އަޑުއުފުލަން ރަސްފަންނު ސަރަހައްދަށް ރޭ އެއްވި ބަޔަކާ ދެކޮޅަށް ފުލުހުން ހާލަތާ ނުބައްދަލު ބާރާ އެކު އަނިޔާވެރިކޮށް މުޒާހަރާ ރޫޅާލި މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ގަލޮޅު ދެކުނު ދައިރާގެ މެންބަރު މީކާއިލު އަހުމަދު ނަސީމެވެ.

ފުލުހުންނާ މެދު ޝަކުވާ ބޮޑުވެފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށްވެސް ވަނީ ހުށަހަޅުއްވަފައެވެ. އަދި ހިޔުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ވެސް، އެ ކޮމެޓީގެ މުގައްރިރު ޖީހާން މަހްމޫދު ވަނީ އެ މައްސަލަ ހުށަހަޅުއްވާފައެވެ.

ސުލްހަވެރިކަމާއެކު ރޭގައި މުޒާހަރާކުރި މީހުން އަޑުއުފުލަމުން ގެންގޮސްފައި ވަނީ މަސައްކަތްތެރިންގެ ހައްގުތަކާ މެދުގައާއި އަދި މަސައްކަތުގެ މާހައުލުގައި ކުރާ ޖިންސީ ފުރައްސާރައާ ދެކޮޅަށެވެ.

ރޭގެ މުޒާހަރާގެ ބައިވެރިންގެ އިތުރުން، މުޒާހަރާ ކަވަރުކުރުމުގައި އުޅުނު ނޫސްވެރިންނަށް ހުރަސްއަޅައި ބައެއް ނޫސްވެރިންނާ ދިމާލަށް ފުލުން ހަޑިހުތުރު ބަހުން މުއާމަލާތު ކުރި މައްސަލަ ނޫސްވެރިންގެ ޖަމިއްޔާ އާއި މީޑިއާ ކައުންސިލުން ވަނީ ކުށްވެރިކޮށްފަ އެވެ.

ރޭގެ މައްސަލަ ބޮޑުވެފައި ވާއިރު، ރޭ ފުލުހުން އަމަލުކުރި ގޮތުގެ ހާއްސަ ތަހުގީގެއް ކުރަމުން ގެންދަވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.