ރާއްޖެއިން އޯޑަރުކުރި 7 ލައްކަ ޑޯޒް އެސްޓްރަޒެނެކާ ކޮވިޑް ވެކްސިން ޖޫންމަހު ރާއްޖެއަށް ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރު ނަސީމް ވިދާޅުވީ ވިދާޅުވީ އެސްޓްރަޒެނަކާގެ ވެކްސިން ޖޫން މަހު ލިބޭނެ ކަމަށާއި އެ ވެކްސިން ލިބުމާއެކު އަނެއްކާ ވެސް ހިތްހަމަޖެހިގެން ވެކްސިން ދިނުމުގެ ކަންކަން ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އޭގެ އިތުރުން އިންޑިއާއިން ވެކްސިން ލިބޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ހަމައެހެންމެ ރަޝިޔާއިން އުފައްދާފައިވާ ވެކްސިން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަންނަ ޖޫން މަހު އެސްޓްރަޒެނެކާ ކޮވިޑް ވެކްސިން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް މީގެ ކުރިން މިނިސްޓަރު ވަނީ ރާއްޖެއިން އޯޑަރު ކޮށްފައިވާ އެސްޓްރަޒެނެކާގެ ވެކްސިން މާޗް މަހު ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

ސިންގަޕޫރުގެ އެސްޓްރާޒެނެކާއިން އުފައްދާ ކޯވިޑް-19ގެ ވެކްސިން ގަތުމަށް ރާއްޖެއިން ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގައެވެ.

ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 296،961 އަށް އަރާފައެވެ. އަދި 102،589 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.